މިއަދު ވޯޓު ނެގި ކަމުގައި ވިޔަސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޅ.އޮޅުވެލިފުއްޓަށް ވަޑައިގެން އެމްޑީޕީ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރައްޔިތުން މަޖިލީހުގައި އޮޅުވެލިފުށި ތަމްސީލުކުރައްވަން 15 އަހަރު އިންނެވިކަން ފާހަގަކުރައްވާފައެވެ. އޭރުވެސް އޮޅުވެލިފުށި އޮތީ އަޅާނުލާ ދޫކޮށްލާފައި ކަމަށާއި އެކަން ބަދަލުކުރަން އޭރުވެސް މަސައްކަތްކުރެއްވިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އޮޅުވެލިފުށި ބާކީވެފައި އޮއްވާ އެ ސަރަހައްދަށް ޓޫރިޒަމް އަތުވެއްޖެ ކަމަށާއި ވަޒީފާތައް ލިބެން ފަށާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އިތުރަށް ރައީސް ސޯލިހް ވިދާޅުވީ އޮޅުވެލިފުށި ރައްޔިތުނަށް އެމަނިކުފާނު ޓެސްޓުކުރެވިފައިވާނެ ކަމަށާއި އެމަނިކުފާނަކީ އޮޅުވެލިފުށި ރައްޔިތުންނާ ދުރު ބޭފުޅެއް ނޫން ކަމަށެވެ،
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިއަށް ވުރެ ތަފްސީލު އަދި ރައްޔިތުންނަށް ފައިދާކުރާނެ މެނިފެސްޓޯއެއް ހިފައިގެން ނިކުމެ ހުރި ކެންޑިޑޭޓެއް ނުހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގެން ރަށްތަކުން ފެނިވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުވެވަޑައިގަންނަވާ ތަން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ،