English Edition
Dhivehi Edition

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަން މިއަދު އައްޑޫ ސިޓީގައި ފަށާނެއެވެ.

ރާއްޖޭގައި ބާއްވާ ހަމައެކަނި ފްރެންޗައިޒް ޝޯގެ އޮޑިޝަން އައްޑޫގައި ކުރިއަށް ގެންދާނީ ހިތަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައި މިއަދުގެ ހެނދުނު 9:00 އިން ފެށިގެންނެވެ .

މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ރ. އުނގޫފާރު އަދި މާލެ ސިޓީގަ އެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގެ ފިރިހެން ހޯސްޓަކީ މޫސާ ވަސީމެވެ. އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކީ މިފަހަރުވެސް އެލައިޑް އިންޝުއަރެންސް އެވެ. ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސާ ޕްލަސް އަކީ ވިލާ ކޮލެޖެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓަލް ވިނާ އަކީ ލައިޝާ ޖުނައިދެވެ. ދެ ވަނަ ސީޒަންގައި އައިޑަލްގެ ޓައިޓަލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.