ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުގައި މިއަދު ފުވައްމުލައް ސިޓިއަށް ވަޑައިގަންނަވާ އިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ސިޓީ އިން ތައްޔާރުވާން ފަށައިފިއެވެ.
މިއަދު ހަވީރު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިރޭ އެ ސިޓީގައި ބޮޑު ޖަލްސާއެެއް ބޭއްވުމަށް ޕީޕީއެމް/ޕީއެންސީ މެންބަރުން އަންނަނީ ފޯރި އާއި އެކު ތައްޔާރުވަމުންނެވެ.
ފުވައްމުލައް ސިޓީއިން މުއިއްޒުއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނައިރު ދާދި ފަހުން ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުވައްމުލަކަށް ވަޑައިގަތުމުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އެ ރަށުގައި ވަނީ މުޒާހަރާކޮށްފައެވެ. އަދި މި މުޒާހަރާ ހޫނުވެ އާންމުންނާ ފުލުހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާއިރު މި މުޒާހަރާ އާއި ގުޅިގެން އެ ރަށުން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި މަހުގެ 27 އަދި 28 ދުވަހު ގދ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް މުއިއްޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މާދަމާ ގދ. ތިނަދޫއަށް ކުރައްވާ ދަތުރުގައި އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު ގއ. ވިލިނގިލީގައިވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.