English Edition
Dhivehi Edition

އޭސިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، ބްރެޒިލް ތަރި ނޭމާ ގެ ކުލަބު ސައުދީ އަރަބިއާގެ އަލް-ހިލާލް ހިމެނުނީ އަވަށްޓެރި އިންޑިއާގެ މުމްބާއީ ސިޓީ އެފްސީއާއި އެކު ގުރޫޕް ޑީ (ވެސްޓަން ޒޯން) ގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އިރާންގެ ނައްސަޖި މަޒަންދަރަން އެފްސީ އާއި އުޒްބެކިސްތާނުގެ ނަވްބަހޯރްއެވެ.

މި މުބާރާތާއި ގުޅޭގޮތުން ސައުދީ އަރަބިއާގެ ނޫސް ޗެނަލަަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ނޭމާ ބުނީ އޭސިއާ ސަރަހައްދުގެ ލީގުތަކުގައި ކުޅޭ ކޮންމެ ކުލަބަކީވެސް ޔޫރަޕާއި އަޅާބަލާއިރު، ވަކި ފެންވަރު ދެރަ ކުލަބުތަކެއް ނޫންކަމަށެވެ. ޚާއްޞަކޮށް އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ކުލަބުތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި އެގޮތުން އެ ހުރިހާ ކުލަބުތަކެއްގައިވެސް ޔޫރަޕާއި ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނޭކަމަށެވެ.

އެހެން ކަމުން މި މުބާރާތުގެ ކޮންމެ މެޗަކީވެސް އުނދަގޫ މެޗަަކަށް ވާނެ ކަމަށާއި ކޮންމެ މެޗެއްވެސް ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށް ނޭމާ ވަނީ ބުނެފައެވެ. އަދި ޚާއްސަކޮށް އަވަށްޓެރި އިންޑިއާގެ ސުޕަލީގުގައި ހިމެނޭ މުމްބާއީ ސިޓީ އެފްސީ އާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ނޭމާ ބުނީ އިންޑިއާގެ މުމްބާއީ ސިޓީ އެފްސީ އަކީ ވެސް ވަރަށް މޮޅު ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުތައްވެސް ފަސޭހަކޮށް ނުނަގާނޭ ކަމަށެވެ.

” މުމްބާއީ ސިޓީ އެފްސީ އަކީވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް. އެޓީމު ބަލިކުރަން ވެސް އުނދަގޫވާނެ. އެހެން ކަމުން އެ މެޗުތައް ވެސް ފަސޭހަކޮށް ނުނަގާނަން”. ނޭމާ ބުންޏެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގަކީ ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހުގެ 18 އިން އަނެއް އަހަރުގެ މޭމަހުގެ 18 އަަށް ކުރިޔަށްދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ވެސް ފަށާނީ އަންނަ މަހުގެ 18 ގައެވެ.