English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޝަރުއީ ދާއިރާ ތެރެއަށް ނުފޫޒު ފޯރުވައި ބާރުގެ ބޭނުން ނުުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު ރައީސް ސޯލިހްގެ ކެމްޕެއިން ދަތުރުތަކުގައިވެސް މި އަޑުވަނީ ގަދަވެފައެވެ. މި ގޮތުން ރަށްރަށުގައި ކުރާ މުޒާހަރާތަކުގައި އެ މަނިކުފާނު ދޫކޮށްލުމަށް ގޮވާލަމުން އަންނައިރު ބ. ކުޑަރިކިލީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ އަމިއްލަ އެކައުންޓަށް ލުމުން ފައިސާވެސް ނުހުންނާނެ ކަމަށެވެ. އަދި އެކަންތައްތައް ބެލުމަށްފަހު ކޯޓުން ހުކުން ކުރުމުން ދޫކޮށްލާނީ ކިހިނެތްތޯ ރައީސް ވަނި ސުވާލުކުރައްވާފައެވެ.

“މި ބުނަނީ ދޫކޮށްލާށެ، މި ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑުމެން، ކޯޓުތައް މިނިވަންކަމާއި އެކީގައި އެ މަސައްކަތް ކުރައްވަނީ، އެ ބޭފުޅުންގެ ޕްރޮސެސްއަށް އަޅުގަނޑުމެން ފުރުސަތު ދޭން ޖެހޭ. ޖާގަ ދާން ޖެހޭ” ރައީސް ސޯލިހް ވިދާޅުވިއެވެ،

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ޝަރުއީ ދާއިރާ ތެރެއަށް ނުފޫޒު ފޯރުވަން ބޭނުން ނުވާ ކަމަށެވެ. އަދި ވެރިކަން ލިބުމުން ގާނޫނުތަކާއި ގާނޫނުން ލިބިފައި ހުރި ބާރުތައް ބޭނުން ގޮތަކަށް ބޭނުން ކުރަމުންދާނަމަ ގައުމު ވެއްޓިގެން ދާނީ ހަމަނުޖެހުމެއްގެ ތެރެއަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. “އަޅުގަނޑަށް ފެންނަ ގޮތް އެއީ ހަމައެކަނި ރަނގަޅު ގޮތް ކަމުގައި ބަލައިގެން ވެރިކަމެއް ނުކުރެވޭނެ” ރައީސް ސޯލިހް ވިދާޅުވިއެވެ.