English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ފޮޓޯ:އެމްޑީޕީ

ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރަންސީ އިން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ނަހަމަ ގޮތުގައި ބޭނުން ކުރާކަން އެ ޖަމާއަތަށް ފާހަގަ ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ބާކީ ތިބި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށްވެސް މި ބަޔާނުގައިވަނީ ބުނެފައެވެ.

ކެމްޕެއިން ފެށުނު ފަހުން ވިދިވިދިގެން އެތައް މަޝްރޫއަކާ ގުޅޭ ރަސްމިއްޔާތުތައް، ކެމްޕެއިން ދަތުރުފުޅުތަކުގައި ބާއްވާފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ، މި ގޮތުން ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލިތާ ފުރަތަމަ 10 ދުވަހު ތަފާތު 16 ރަށެއްގައި 32 މަޝްރޫއެއްގެ ނިންމުން ނުވަތަ ފެށުން ފާހަގަ ކުުރެއްވުމަށް ރައީސް ވަޑައިގެންނެވި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން 8 މަޝްރޫއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މުޅިން ނިންމާފައިވާ މަޝްރޫއުތަކެއް ކަންވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް ހައުސިން މިނިސްޓްރީގެ 14 މަޝްރޫއެއް ސަރުކާރު ހިއްސާވާ 2 ކުންފުންޏަކާ ހަވާލުކޮށްފައި ވާއިރު އެ މަޝްރޫއުތަކުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އިންތިހާބީ މުއްދަތާ ގާތްކޮށް، ހާމަކަންބޮޑު ދިގުރާސްތާގެ ޕްލޭނެއް ނުވަތަ ތަރައްގީގެ ސްޓްރެޓެޖީއެއް ނެތި، އުމްރާނީ މަޝްރޫއުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލު ގެނައުމަކީ ކަންބޮޑުވާކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ވާދަކުރާ އިތުރު ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިގެންދާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕެއިން ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ޖަމިއްޔާ އިން ވަނީ ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމާއެކު އުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށާއި އެ ކަންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގާތުން ބަލައި، ފާރަވެރިވުމަށް އިލްތިމާސްކޮށްފައެވެ.