English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުޙައްމަދު -

މިދިޔަ ހުކުރު ދުވަހު އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ހުސައިން މުޙައްމަދުގެ ހަނދާނުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާލައިފި އެވެ.

ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެލެވިޜަން މޯލްޑިވްސް އަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޙުސައިން މުޙައްމަދު އަވަހާރަވެފައި ވަނީ ސެޕްޓެންބަރު 04 ގައި ކަމަށެވެ. އަދި ޙުސައިން މުޙައްމަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އަށާއި، ބްރޯޑްކާސްޓިންގ ދާއިރާ އަށާއި، ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕީއެސްއެމް އިން ބުނީ އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ކިޔުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ޚާއްޞަ ދަފުތަރެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ދަފުތަރުގައި ތަޢުޒިޔާގެ މެސެޖު ޙިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސެޕްޓެންބަރު 06 އިން ސެޕްޓެންބަރު 11 އަށް، ޓީވީ މޯލްޑިވްސް ބިލްޑިންގެ ލޮބީގައި އެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މެންބަރު ހުސައިންގެ ހަނދާނުގައި ޕީއެސްއެމް އިން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާލާފައިވާއިރު، އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާލާނެ ކަމަށާއި، އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބޭނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.