English Edition
Dhivehi Edition

ދިފޭދޫ ސްޕޯޓްސް ކުލަބުން އިސްނަގައިގެން ފޭދޫގައި ބޭއްވުމަށް ރާވަމުންދާ “ފޭދޫ ސޮކަރ ކަޕް 2018” ވަރަށް ފޯރިގަދަވާނެ ކަމަށް ބުނެފިއެވެ.

އަންނަ ޖެނުއަރީ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތާ ބެހޭގޮތުން ބައެއް މީހުން ބުނެފައިވަނީ ދިގު މުއްދަތަކަށްފަހު މިފަދަ މުބާރާތެއް މުޅި ސިޓީއަށް ހުޅުވައިގެން ބޭއްވުމަކީ ފޯރިގަދަވާނެ ކަމެއް ކަމަށެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުންވެސް ބުނެފައިވަނީ އެމީހުންވެސް މަސައްކަތްކުރަނީ ފޯރިގަދަ މުބާރާތެއް ބޭއްވުމަށް ކަމަށެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިހާރުދަނީ ވަމުންނެވެ.
އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް ހުޅުވައިލައިގެން ބާއްވާގޮތަށް ހަމަޖެހިފައިވާ މުބާރާތަކީ އައްޑޫސިޓީގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައި ފުޓުބޯޅަ އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެވެ. އައްޑޫގައި މިހާރުވަނީ ފުޓުސަލްގެ ފޯރި ވަރަށްގަދަވެފައެވެ. ފުޓުބޯޅައަށް ލޯބިކުރާ ބައެއްމީހުން ބުނާގޮތުގައި ފުޓުސަލްއަކީ ފުޓުބޯޅައަށް ހީނަރުކަން ގެނުވައިދޭ އެއްޗެއް ކަމަށެވެ.

“މީގެ ކުރިންވެސް މިރަށުގައި (ފޭދޫގައި) ފޭދޫ ސޮކަރގެ ނަމުގައި ފުޓްބޯޅަ މުބާރާތެއްވަނީ ބާއްވައިފައި. އަލުން އެކަން ދިރުވުމަކީ އެއްމަގުސަދު. އައްޑުއަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބި އަތޮޅެއް އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް އުފެދެމުން އަންނަ އޮތޮޅެއްވެސްމެ. އެ ކުޅުންތެރިން ކުރިއަށްދާނީ މިފަދަ މުބާރާތްތައް ބާއްވައި އިތުރު ފުރުސަތުތަކެއް ހުޅުވައިދީގެން. ވާދަވެރި މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށްވާނަމަ ކުދިންގެ ހުނަރު ތަރައްގީވާނެ ކަމަށް ނުބެލެވޭ. އެހެންވެ މިފަދަ މުބާރާތެއް ބޭއްވުން ވަރަށް މުހިންމު ކަމަށް ދެކިގެން މިކަމަށް ތައްޔާރުމިވަނީ،” މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މިމުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރުވެސްވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމަށް އެދޭ ފޯމް ފޭދޫ ސޮކަރ އޮފީހުން ލިބެން ހުންނާނެ ކަމަށް އިންތިޒާމްކުރާ ފަރާތުންބުންޏެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެންނެވެ. މި މުބާރާތުގައި އައްޑޫސިޓީގެ ކޮންމެ އަވަށަކުން މަދުވެގެން ޓީމެއް ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް އިންތިޒާމް ކޮމިޓީން ބުންޏެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް އިނާމެއްގެ ގޮތުގައި 75،000 ރުފިޔާވަނީ ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ވަނީ 30،000 ރުފިޔާ ހުށަހަޅައިފައެވެ. މިފަދަ މުބާރާތެއް ފޭދޫގައި މިބާއްވަނީ 25 އަހަރު ފަހުންނެވެ.
މުބާރާތް ބާއްވާ ފޭދޫ ފުޓުބޯޅަ ދަނޑަކީ ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅެފައިވާ ދަނޑެކެވެ. އޭގެ ތެރޭގައި ކުޑަ މޫސަ، ދޮންބިލެތް، ނިޒާމްބެ، މަރުޒޫގު، އައްމަޓީފަދަ ކުޅުންތެރިން ހިމެނެއެވެ.