ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ހޯދައިދިނުމުން އޭނާ ކުރި މަސައްކަތަކީ ކުންފުނި ފުނޑާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ހޯދައި ދިނީ އެމަނިކުފާނު ކަމަށާއި އެކަމުގެ އިނާމެއްގެ ގޮތުގައި މަސައްކަތް ކުރީ އެމަނިކުފާނާއި އެކަނިކުފާނުގެ ދަރިން ޖަލައްލައި، ވިޔަފާރި ކުންފުނި ފުނޑާލަން ކަމަށެވެ. އަދި އެއީ އެތައް ޚަރަދެއްކޮށް އެތަކެއް ޤުރުބާނީއެއް ވުމުން ދިން އިނާމުކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޔާމީން އެމަނިކުފާނު ޖަލައްލާ ވިޔަފާރި ކުންފުނި ފުނޑާލަން މަސައްކަތް ކުރިނަމަވެސް ﷲ އެ ގޮތަކަށް ކަންތައް އިރާދައެއް ނުކުރެއްވި ކަމަށާއި އެކަމަކު މިހާތަނަށް އައި އިރު ކަންތައް ވަމުންދާ ގޮތް އެ އޮތީ ފެންނަން ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖަލު ހުކުމަކާ ގުޅިގެން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މާތް ﷲ އިރާދަފުޅުން މިފަހަރު މިހުރީ ކެންޑިޑޭޓަށް ނުކުމެކަމަށާއި އެކަމަކު ރައީސް ޔާމީނަކަށް ނުކުމެވަޑައިނުގެންނެވުނުކަމަށެވެ.