English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއާއި ހުޅުދޫ، އަދި މީދޫން ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން 1 ހަފްތާގެ މުހުލަތެއް ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ހުޅުވާލައި ޢާންމު ކުރި އިޢުލާނުގައި ވާގޮތުން މައުލޫމާތު ފުރިހަމަ ނުވާ ނުވަތަ އެހެން ކަމެއްގެ ސަބަބުން މައްސަލަ ޖެހިފައިވާ ފޯމުތަކަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވާ އާދީއްތަ ދުވަހުން ފެށިގެން، 27 ވާ އާދީއްތަ ދުވަހުގެ މެނދުރު 12:00 އާއި ހަމައަށެވެ. ޝަކުވާ ފޯމު އައްޑޫސިޓީ ކައުންސިލްއޮފީހާއި އަވަށު އޮފީސްތަކާއި އަދި ކައުންސިލުގެ ވެބްސައިޓުން ލިބޭނެއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، ފޯމުގައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ނުކުރެވޭ ފަރާތެއް ނަމަ، ފޯމު ހުށަހެޅިއިރު ވެފައިވާ އިޤުރާރާއި އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. އެގޮތުން މައުލޫމާތު ސައްޙަތޯ ބެލުމަށް އަވަށު އޮފީސްތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށަކުން 1000 ގޯތި ދޫކުރުމަށް މިއަހަރު ކުރީ ކޮޅު ވަނީ ނިންމާފަ އެވެ.

އެ 1000 ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އިއްޔެ ޢާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ، ޝަރުތު ހަމަވަނީ 3،972 މީހުންނެވެ. އަދި ޝަރުތު ހަމަނުވާ 188 ފަރާތަށްވެސް އިތުރު ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭނެ ކަމަށެވެ.

ދާއިމީ ލިސްޓް އިޢުލާން ކުރުމުގެ ކުރިން ވަގުތީ ލިސްޓުގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް އެއިދާރާގެ އަވަށުއޮފީސް ތަކުން ކުރަމުން ގެންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ އިން ގޯތި ދޭން ކުރިން ނިންމާފައި ވާ ގޮތަށް ބަލާއިރު

ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި

ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި

ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި އަދި

މީދޫން 2000 އަކަފޫޓުގެ 100 ގޯތި ދިނުމަށް ނިންމާފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ގޯތި ދޫކުރުމުގެ ފުރަތަމަ މަރުހަލާގައި ދޫކުރާ 1،000 ގޯތީގެ އިތުރުންވެސް، އިތުރު ގޯތިތައް ދިނުމަށްޓަކައި މިމަހުގެ ތެރޭ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމައި މިހާރު އިއުލާންކޮށްފައިވާ 1،000 ގޯތި ދިނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކައުންސިލުން ފަށްޓަވާނެކަމަށެވެ.

މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

އެތައް އަހަރަކަށް ފަހު އައްޑޫސިޓީން ގޯތި ދޫކުރާއިރު އެ ސިޓީއަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.