English Edition
Dhivehi Edition

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް، އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރު ކުރި ދެމަފިރިން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލާގައި އިއްޔެ ހަވީރު ހައްޔަރު ކުރީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ނުގެންގޮސް އެ ދެ މީހުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލި ސަބަބެއް ވިދާޅެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ ހިތަދޫއަށް ނިސްބަތްވާ ދެމަފިރިންނެވެ. އެ މީހުންގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނީ އެ މީހުން ފުރަން ގެންދިޔަ ތަކެތީގެ ތެރޭގައި އިން ކުޑަފޮށިގަނޑެއް ޗެކްކުރަން އުޅުމުންނެވެ. އެކަމާ ގުޅިގެން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކުރި ނަމަވެސް އެފަދަ އެއްޗެއް އެ މީހުންގެ އަތުން ފެނިފައެއް ނުވެ އެވެ.

މަދުން ނަމަވެސް ރާއްޖޭގައި މިފަދަ އިންޒާރުތައް ދީފައިހުރެއެވެ. މީގެ ކުރިން ވެސް ފްލައިޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހުން ހައްޔަރު ކޮށްފައި އެބަހުއްޓެވެ. މިއީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލާ ސީރިއަސް މައްސަލައެކެވެ.