English Edition
Dhivehi Edition
ފޮޓޯ: ސަންއޮންލައިން

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 9:00 އިން ފެށިގެން ސެންޓަރުތަކުން ވަގުތީ ނަތީޖާ ދޫކރަމުން ގެންދާނެއެވެ.

ޑީޕީއީއިން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 9:00 ގައި، އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު 10:00 ގައި ސެންޓަރތަކުން ލިބޭނެ ކަމަށެވެ.

ސްކޫލްތަކުން މިއަދު ނަތީޖާ ދޫކުރަމުން ގެންދަން ފަށާފައިވާ ކަމަށާއި ޕްރައިވެޓްކޮށް ޑީޕީއީގައި އިމްތިހާނުހެދި ހުރިހާ ކެނޑިޑޭޓުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން އެ ޑިޕާޓްމަންޓުން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށް ޑީޕީއީއިން ބުނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އޮގަސްޓު 31 ގެ ނިޔަލަށް، އެ ކެންޑިޑޭޓް އިމްތިހާނު ހެދި ސެންޓަރަށް އެދި ހުށަހެޅުމަށް ޑީޕީއީއިން އިލްތިމާސް ކުރެއެވެ.

ޑީޕީއީއިން ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު، އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރި ވަނީ އަރަބި މާއްދާ ވެސް ހިމެނޭ ގޮތަށް 6،106 ދަރިވަރުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 444 ކުދިންގެ އިތުރުވުމެކެވެ. ކޭމްބްރިޖް އޯލެވެލް އިމްތިޙާނު 245 ސެންޓަރެއްގައި 6،698 ދަރިވަރުން މިއަހަރު ހަދާނެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރު ވުމެކެވެ.