English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު އެމަނިކުފާނު ވަނީ، މަނަދޫ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ނ. އަތޮޅުހޮސްޕިޓަލްގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި، އިންޑޯރޖިމް އަދި ފުޓުބޯޅަދަނޑާއި، ފެނަކަ އޮފީސް ހުޅުއްވައި ދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް ގުޅައިދީފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މަލްޓިޕަރޕަސް ހޯލަކީ، އެންމެ ޒަމާނީފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ. މިޢިމާރާތުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން އިންޑޯރ ޖިމްވެސް ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މި ޢިމާރާތް ބިނާކޮށްފައި ވަނީ މަނަދޫގެ ބަނދަރު ސަރަޙައްދުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.