English Edition
Dhivehi Edition

މާލެ އާއި ތިލަފުއްޓާ ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތުގައި ގެންގުޅޭ އުޅަނދެއް އަނެއްކާވެސް ވިލިމާލެ ފަރަށް އަރައިފި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ޕްލޭނިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވިލިމާލެ އުތުރު ފަރާތު ފަރު ކައިރީގައި އޮތީ، އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖު ހަދަން ގެންގުޅޭ ބާޖެކެވެ. ނަގިލި ކަހައިލައި އެ ހާދިސާ ހިނގީ ރެއެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީން ބުނީ މިނިސްޓްރީން ބެލި ބެލުމުން އެނގުނގޮތުގައި ބާޖުގެ ނަގިލި ކަހާލީ ކަމަށާއި، ބާޖު ފަރަށް އަރާފައި ނުވާ ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި އުޅަނދުތައް އަޅާފައި ހުންނާނީ ގުޅީފަޅު ވިލިމާލެއާ ދިމާލުގައެވެ. އަދި ނަގިލި ކަހާލައިގެން ބާޖު ވިލިމާލެ ފަރާ ދިމާއަށް އައިސްފައިވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ބާޖުން ފަރުގައި ޖެހިފައި ހުރިތޯ ބަލަން މިހާރު ވެސް އެފްކޮންސްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެގޮތުން ބުރިޖު ސާވޭއަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް އީޕީއޭގެ އޮބްޒާވަރުންނާއެކު ކުރިއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށްފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ. އެ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވެސް ސަރުކާރުން ބުންޏެވެ.