English Edition
Dhivehi Edition

ކުރީގެ ރައީސް ޑރ. މުހައމަދު ވަހީދު ހަސަން، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަންނަވާކަމަށް އަޑުތައް ފެތުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ވަހީދު ޖޭޕީ އަށް ސޮއި ކުރައްވާނީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިލީގައި ޖުމްހޫރީ ޕާޓީ އިން މާދަމާ ބާއްވާ ޖަލްސާގައެވެ.

ރައީސް ވަހީދު ޖޭޕީއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ގާސިމް އިބުރާހީމްއާއި ބައްދަލު ކުރެއްވުމަށް، ގާސިމްގެ އަމިއްލަފުޅު ރިސޯޓު ސަން އައިލެންޑަށް ރައީސް ވަހީދު މިއަދު ވަޑައިގެން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ރައީސް ވަހީދު އިދިކޮޅު ޕީޕީއެމް އިން އިސްތިއުފާ ދެއްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އިސްތިއުފާ ދެއްވުމަށްފަހު ރައީސް ވަހީދު ވިދާޅުވެފައިވަނީ ޕީޕީއެމްއިން އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެފައިވާތީ ކަމުގައެވެ.

އެމަނިކުފާނު މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކައި ކަމަށާއި އެ ޕްލޭންތައް މިހާތަނަށް ވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމޮކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި، ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ، ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެމަނިކުފާނު ހިތުގެ ލޯބި އޮންނާނެ ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމުގެ ކުރިއެރުމާއި، މިނިވިންކަން ދެމެހެއްޓުމަށާއި، އިގްތިސާދީ އިޖުތިމާއީ ކުރިއެރުމަށް ކަމުގައެވެ.

ރައީސް ވަހީދު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދުގެ ނާއިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމަށްފަހުއެވެ.

އެއަށްފަހު 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ %5 ވޯޓެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ އެބުރު ސުޕްރިމް ކޯޓުން ބާތިލް ކުރުމާއެކު ޖެހިގެން އައި ބުރުގައި ރައީސް ވަހީދު ވާދަ ކުރައްވާފައެއް ނުވެއެވެ.

އެއަށްފަހު ރައީސް ވަހީދުގެ އަމިއްލަފުޅު ފާޓީ އުވާލެއްވުމަށްފަހު ދެން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ވަހީދަށް ފުރުސަތު ލިބިފައެއް ނުވެއެވެ.