English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދ. މީދޫ ސްކޫލުގެ ސައިންސް ލެބޯޓަރީއަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް އަ އަތޮޅު ކައުންސިލްގެ ރައީސް ޝާފިއު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ލެބޯޓަރީއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވަރަށްބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ މީދޫ ސްކޫލުގެ ގޯތިތެރޭގައިވެސްވަނީ ވަރަށް ފެންބޮޑުވެފައި ކަމަށެވެ. “އެންމެ ފެންބޮޑުވެފައިވަނީ ސްކޫލް ގޯތިތެރޭގައި. ގާތްގަނޑަކަށް ދެފޫޓު ބަޔާއި ތިންފޫޓަށް އެބަހުރި ފެންބޮޑުވެފައި،” އޭނާ ވިދާޅުވިއެވެ.

ރެއިން ފެށިގެން އެރަށަށް ކުރަމުންދިޔަ ވިއްސާރައިގައި އެރުގެ 35 ގެއަކަށް ފެންވަދެވަނީ ބެޑްރޫމް ސެޓްތަކާއި، އައިސް އަލަމާރިއާއި އަދިވެސް އެފަދަ ސާމާނުތަކަށް ގެއްލުން ވެފައި ކަމަށް ޝާފިއު ވިދާޅުވިއެވެ.

މިއަދު ވާރޭ ހުއްޓައިލައި އޮތުމަށްފަހު އިރުއޮއްސި 6:30 ގެ ފަހުން އަނެއްކާވެސް ގަދަވަޔާއެކު އެރަށަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އިތުރު ގެތަކަށް ފެންވަނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުރިން ފެންވަދެފައިވާ ގެތަކުން ފެންހިއްކައި ނިމި އާންމު ހާލަތަކަށް ބަދަލުވެފައިވަނިކޮށް އަނެއްކާވެސް ވާރޭ ވެހެން ފެށުމުން އެ ގެތަކުގެ މީހުންނަށް މިހާރުވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން މިހާރުވެސް ކުރަމުންދާ ކަމަށް ޝާފިއު ވިދާޅުވިއެވެ.