މި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވަ ދުވަސްވަރެކެވެ. ކޮންމެ ކެންޑިޑޭޓަކުވެސް ދައްކަނީ އިންތިހާބުގައި ހޮވިއްޖެނަމަ ކޮށްދޭނެ ކަންތައްތަކުގެ ވާހަކައެވެ. ރައްޔިތުންނަށް މިހާރުވެސް ދަތިވެފައިވާ އެތައް ކަމެއް ފުއްދައިދޭނެ ކަމުގެ ވައުދެވެ. ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކުގެ ‘ފޮނި ބައިސާ’ގެ ކަންތައްތައް އަދި މާ ބޮޑެވެ. އެމީހަކު ތާއިދުކުރާ ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއް ހާސް ސަބަބު ދައްކާއިރު އެ ކެންޑިޑޭޓަކު ހޮވިއްޖެނަމަ ހުދު ތިމާއަށް ވާނެ ފައިދާތަކާ، ލިބޭނެ ބާރުތަކުގެ ވާހަކަވެސް ދައްކައެވެ. ވަޒީފާ ދޭނެ މީހުންނާ ކަނޑާލާނެ މީހުންގެ ލިސްޓުގެ އިތުރުން ފްލެޓާ ގޯތި ދޭނެ މީހުންގެ ވާހަކަތައްވެސް މަދުމަދުން ދެކެވެއެވެ.
މި ހުރިހާ ‘ފޮނި ވާހަކަތައް’ ގޮސް ނިމެނީ ފައިސާ އަށެވެ. ނުވަތަ ވޯޓު ވިއްކުމާ ހަމައިންނެވެ. ރިޝްވަތުގެ ފައިސާ އިން ތިމާގެ އަތް ނަޖިސްވުމާ ހިސާބުންނެވެ. މިއީ މިހާރު ސިއްރުގައި ހިނގާ ކަންތައްތަކެއް ނޫނެވެ. އެންމެންނަށްވެސް އެގިގެން ފާޅުގައި ދައްކަމުން ދާ އެހެންނަމަވެސް ‘ލަދު ހުތުރު’ ވާހަކައެކެވެ.
އިންތިހާބު ބޯމަތިވެފައިވާއިރު ކޮންމެ މީހަކުވެސް ‘މަޖަލަކަށް’ ހަދާފައި މި ބުނަނީ ފައިސާ އަށް ނޫނީ ވޯޓު ނުލާނެ ވާހަކައެވެ. ފައިސާ ދޭ މީހަކަށް ވޯޓު ދޭނެ ވާހަކައެވެ. ތިމާއަށް މާލީ ގޮތުން ފައިދާ ނުވާ އެއްވެސް ގޮތަކަށް ވޯޓު ނާޅާނެ ވާހަކައެކެވެ. މިއީ އުމުރުން އެންމެ ދުވަސްވީ މީހާއިން ފެށިގެން ތައުލީމީ ޒުވާނުންވެސް ދައްކަމުން ދާ ވާހަކައެވެ. މިހާ ހިސާބަށް ވާހަކަ ދިއުމުން ދެން ގައުމުގެ ހާލަތާ މެދު ވިސްނާލާށެވެ.
ކޮންމެ މީހަކުވެސް ބޭނުންވަނީ ހަމަޖެހޭ ފުދުންތެރި ދިރިއުޅުމެކެވެ. ވަޒީފާ އާއި ދިރިއުޅުމުގެ ކަންތައްތައް ފުއްދާލުމަށް އެކަަށީގެންވާ އާމްދަނީއެވެ. މަހުގެ 10 ވަނަ ދުވަސްޖެހޭ އިރު މުސާރަކޮޅު ހުސްވެ އެހެން މީހުން އަތުން ލޯނު ނެގުން ހުއްޓާލާނެ ގޮތެކެވެ. ދިރިއުޅުމުގެ އަގުތައް ތިރިވެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ފަދަ ތަނަވަސް ކަމެކެވެ. ބޭސް ފަރުވާ އަށް ސަލާން ޖެހުން ހުއްޓި ސުލްހަވެރިކަމާއެކު އުޅެވޭނެ ގޮތެކެވެ.
ސުވާލަކީ ރައީސް، މަޖިލީސް މެންބަރުން އަދި ކައުންސިލަރުން ހޮވާއިރު މިކަމާ މެދު ވިސްނާލެވޭތޯއެވެ؟ ވޯޓު ދޭ ފަރާތަކީ އެކަމަށް އެކަށީގެންވާ ގަބިލު ފަރާތެއް ތޯއެވެ؟ ނުވަތަ ތައިދުކުރާ ޕަޓީން ކޮންމެ ކެންޑިޑޭޓަކު ލިޔަސް ގައުމީ ލޯތްބަށްވުރެ ޕާޓީ ލޯބި ބޮޑު އެމީހަކަށް ވޯޓު ދެނީތޯއެވެ؟ ނުވަތަ އެ ވަގުތު ލިބޭ މަލީ ފައިދާއަށް ވޯޓު ވިއްކާލަނީ ތޯއެވެ؟ މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކާ ހޮޅުއަށީގައި ދެކެވޭ ވާހަކަތަކަށް ބަލާލާއިރު ޕާޓީ ކެންޑިޑޭޓަށް ވޯޓު ދޭ މީހުންގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު ވޯޓު ދެނީ ތިމާއަށް މާލީ މަންފާއަށް ހޯދައިދޭ ކެންޑިޑޭޓަކަށެވެ. މި ވިސްނުމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން އެކަނި ގެންގުޅޭ ވިސްނުމެއް ނޫނެވެ. މިއަދު ބައެއް ޒުވާނުންގެ ވިސްނުމަކީވެސް މިއީއެވެ. ކޮންމެ މީހަކު ވެރިކަމަށް އިންތިހާބުވި ނަމަވެސް ލިބޭނެ ފައިދާއެއް ބަދަލުވާނެ ކަމެއް ނެތް ކަމުގައި ބައެއް ޒުވާނުން ދެކެއެވެ. ގައުމަށް އެންމެ ރަގަޅުވާނެ ގޮތަކާ މެދު ވިސްނުން ހިންގާކަށް ‘އެ ޒުވާނުންނަށް’ ވަގުތެއް ނެތެވެ. އަމިއްލައަށް އިސްނަގައިގެން ވޯޓުލުމަކީ ފަރުދީ ޒިންމާއެއްކަމުގައި ދެކެން ބޭނުމެއް ނުވެއެވެ. ވޯޓު ވިއްކާލުމަށްފަހު ލިބޭ ވަގުތީ ފައިދާ ހޯދުމަށް ގިނަ ދިވެހިން މި ވަނީ ‘އާދަ’ވެފައެވެ.
މިކަމުގައި ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ވޯޓު ވިއްކާ ފަރާތް އެކަންޏެއް ނޫނެވެ. ވޯޓު ގަންނަން މަސައްކަތްކުރާ ‘ސިޔާސީ ވެރިން’ވެސް މިކަމުގެ ޒިންމާ ނަގަން ޖެހޭނެއެވެ. އިންސާނަކަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުގެ ފައިދާ ނަހަމަ ގޮތުގައި ނަގުމާއެކު ސިޔާސީ ފައިދާއެއް ހާސިލްކުރުމަށް ގާނޫނީ ކުށަކަށް އަރައި ގަންނަން އެއްވެސް ބިރެއް ލަދެއް ނެތެވެ. އެހެންކަމުން މިފަދަ ވެރިން ރައްޔިތުންނަށް ތެދުވެރިނުވާނެކަން، އަދި ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ކޮށް ނުދޭނެކަން އަމިއްލައަށް ވިސްނާލަންޖެހެއެވެ.
މިހުރިހާ ކަމަކާއެކުވެސް ސިޔާސީ މީހުން ދައްކާ އެއް ވާހަކައެއް ވަރަށް ގިނައިން އަޑުއިވެއެވެ. ވޯޓު ގަތީ ފައިސާ ދީފައެވެ. އެހެންކަމުން ދެން އިތުރަށް ކޮށްދޭން ޖެހޭ ކަމެއް ނެތްކަމަށް ގިނަ ބަޔަކު ދެކެއެވެ. ބަދަލު ކުރަން ބޭނުމެވެ. ރަނގަޅު ހެޔޮ ބަދަލު އަންނަ ތަން ދެކެން ބޭނުމެވެ. އެހެންނަމަވެސް ރިޝްވަތް ހިފުމާ ފައިސާގެ ނުފޫޒު ވޯޓަށް ފޯރުވުން ހުއްޓާލާކަށް ބޭނުމެއް ނޫނެވެ. މިހެންކަން އޮތް އިރު ގައުމުގެ ހާލަތު ބޮއްސުންލައިގެން ދާ ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް ނެތްކަން ޔަގީނެވެ.