މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގއ.ނިލަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މުޖުތަމައު ބާރުވެރި ކުރުވުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އޮންނަކަމަށާ ހާއްސަކޮށް އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.
އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ތެރެއިން ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުން ހިމެނޭކަން ފަހަގަކުރައްވަމުން ރައީސް ވަނީ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެ ވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވުމާ އެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށް ދިނުމަށް ބޭނުންވާ ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ގިނަ އަދަދެއްގެ މަދަނީ މަޖިއްޔާ ޖަމާއަތްތައް ހިންގަމުން އަންނައިރު ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިދާރީ މަސައްކަތްކުރުމަށް ބޭނުންވާ ޖާގައެއް ނެތުމާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާތައް ނެތުމުގެ މައްސަލައެވެ.