ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނަށް، ފަރުވާއެއްގެ ގޮތުން ކޮމިއުނިޓީ ސާވިސް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަދި އެކަމާއި ގުޅޭ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި، އެ ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގުތަށް ދަސްކޮށްދިނުމަށް “ޗައިލްޑް ޕޮރޮޓެކްޝަން ވަން ސްޓޮޕް ސެންޓަރެއް” ގާއިމުކުރޭވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ޗައިލްޑް ކެއާ ބެނިފިޓް ތައާރަފްކުރުމާއި، ސަރުކާރުގެ ހުރިހާ އިދާރާއެއްގައި “ފެމިލީ ފްރެންޑްލީ” މަސައްކަތުގެ ވެއްޓެއް ގާއިމްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ދޭ އޮޕްޝަނަލް ވެކްސިންތައް (އިހްތިޔާރީ ވެކްސިންތައް)އުފާވެރި އަމާން ރާއްޖެ ސިޔާސަތުގެ ދަށުން، އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރުމުގެ ދަށުން އެކުދިންނަށް އުފާވެރިކަމާއި އެކު ހެލިފެލިވެ އުޅޭ ވެއްޓެއް ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އަދި ދުނިޔެއަށް ލޯހުޅުވިފައިވާ، ވެއްޓަށް އަހުލުވެރި ކުދިބަޔަކަށް ހަދާ މުޖްތަމައަށް ނެރެދިނުމަކީ މިސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.