English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި މަސްވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި އެގޮތުން މަސް ކިލޯއެއްގެ އަގު ފަށާނީ 25ރ އަށްވުރެ މަތިން ކަމަށް ޖުމްޙޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި މަސްވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މަހުގެ ވިޔަފާރި ކުރާ ފަރާތެއްގެ ހައިސިއްޔަތުން މައްސަލަ ހައްލު ކުރަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ އެކަން ވަރަށް ރަނގަޅަށް ކުރާނެ ގޮތް އެނގޭކަމަށާއި މަސް ކިލޯއެއްގެ އަގު ފަށާނީ 25ރ އަށްވުރެ މަތިން ކަމަށެވެ.

“އަޅުގަނޑަށް އެނގޭ އެކަން ކުރާނެ ގޮތް. މަސް ކިލޯއެއްގެ އަގު ފަށާނީ 25ރ. އަށްވުރެ މަތިން،” ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ޤާަސިމް ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އެ ވިޔަފާރިއެއް ވަނީ ހަލާކު ކަމަށާއި ފަތުރުވެރިކަން ވެސް ތަރައްގީވީ އަމިއްލަ މީހުންގެ މަސައްކަތުން ކަމަށެވެ. އަދި ދިވެހި ސަރުކާާރުން ކަމެއްގެ ތެރެއަށް، ވިޔަފާރިއެއްގެ ތެރެއަށް އަތް ބާނައިގެން ތަޅުވައިގަތް ކޮންމެ ކަމެއް އޮންނާނީ ހަލާކުވެފައި ކަމަށާއި ޓުއަރިޒަމް ޑިވެލޮޕްމަންޓް މިގޮތަށް ރާއްޖެއަށް އައިސްފައި މި ވަނީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ދީގެންކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަކީ ގައުމީ ވާޖިބެއްކަމަށާއި ގޮތުން ވޯޓު ލާނީ ކޮންބޭފުޅަކަށް ކަން ނިންމާނީ ރައްޔިތުން އަމިއްލައަށް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

“ރައްޔިތުންނަށް އެނގޭނީ ވޯޓު ލާނީ ކޮން ބޭފުޅަކަށްކަން. އަޅުގަނޑުގެ ކެންޑިޑޭޓް ނަމްބަަރަކީ ފަހެއް. ޕާޓީ ބޮޑު ވާހަކަ، ކުޑަ ވާހަކަ ދައްކާކަށް ނުޖެހޭނެ. މަގޭ ތިމާގެ މީހާތޯ، މަގޭ ރައްޓެހި މީހާތޯ ބަލާކަށް ނުޖެހޭނެ. މިއީ ގައުމީ ވާޖިބެއް، އެ ވާޖިބު އަދާކުރަންޖެހޭނީ ކެރިގެން.”

ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އަދި އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވެސް މިފަހަރުގެ އިންތިޚާބުގައި ވާދަ ކުރައްވަ އެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހުގައެވެ.