ޝައްކު އުފެދޭ ވަރުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެގޮތުން އެމަނިކުފާނަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން، އެމަނިކުފާނުގެ ރަނިން މޭޓު، މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.
ރޭ، ދ. ކުޑަހުވަދޫގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ، އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް ރައީސްގެ އަރިހުންނާއި އެމްޑީޕީގެ މެމްބަރުން ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭނާގެ އިހުލާސްތެރިކަމާ ތެދުވެރިކަމާ މެދު ޝައްކެއް އުފެދޭ އެއްވެސް ކަމެއް ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން އަސްލަމް ވަނީ ދެއްވާފައެވެ.
މިޖަލްސާގައި އަސްލަމް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ރައީސް ސާލިޙާއި އެކު ވަރަށް ގިނަ އަހަރު ތަކެއް ވަންދެން މަޖިލީހުގައި އެއްކޮށް މަސައްކަތް ކުރައްވާފައިވާ އަސްލަމް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ރަނގަޅު ސިފަޔަކީ ކެތްތެރިކަމާއި މަޑުމައިތިރި ކަމާއެކު ކަންތައްތައް ނިންމެވުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ރައީސްގެ ހަރުދަނާ ލީޑަރޝިޕް ކަމަށް އަސްލަމް ވިދާޅުވިއެވެ.