English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސަކު ހޮވުމުގައި ތާއީދު ކުރައްވާނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އަށްކަމަށް ހިތަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު، އިބްރާހީމް ނާޒިލް ހާމަކުރައްވައިފިއެވެ.

ނާޒިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުންނާ ގިނަ އާންމު މެމްބަރުން ބޭނުންވާ ގޮތުގެ މަތީން، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށް ވޯޓު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

ނާޒިލްގެ އިތުރުން އަނބިކަނބަލުން ހިސާން ވެސް ވަނީ އަސްލަމް އަށް ތާއީދު ކުރައްވަވާ ކަމަށް ވިދާޅުވެފައެވެ. ޤާނޫނީ ވަކީލް އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ. އަތޮޅު ތުޅާދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ހިސާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ޤައުމުގެ މަސްލަހަތު ގުޅިފައިވަނީ ރައްޔިތުންގެ މަސްލަހަތާ ކަމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކުރުމުން ކަމަށް ވާތީ، އަސްލަމް އަށް ވޯޓުދެއްވަން ނިންމަވާފައިވާ ކަމަށެވެ.

މި ދެބޭފުޅުންވެސް އަސްލަމްއަށް ތާޢީދުކުރައްވާކަން ހާމަކުރައްވަމުން ކުރެއްވި ޓްވީޓުގައި ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޮވުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު އަފީފާއި އަސްލަމްގެ އިތުރުން މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު އަދި އައްޑޫ މީދޫ ދައިރާ މެމްބަރު ރޮޒޭނާ އާދަމެވެ. މަޖިލީހުގެ ރައީސްކަމުގެ ރޭހުގައި ވާދަ ވެރިކަން ބޮޑީ، އަފީފާއި އަސްލަމްއާ ދެމެދުގަ އެވެ.

އަންގާރަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މަޖިލީހުގެ ރައީސް ކަމަށް 87 މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓު އޮންނާނީ އެރޭއެވެ.