އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީއާއި ޢާއްމު މެންބަރުން ދުރުވެފައި ވުން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު އަސްލަމް އޭނާއެމްޑީޕީގެ ނައިބް ރައީސް ކަމަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ގައި ކެމްޕޭން ޖަގަހައެއް، މާލޭ ގްރޭންޑްގައި ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެމްޕެއިންގައި އުޅުއްވުމުން ވަރަށް ގިނަ ކަންކަން ސާފުވެއްޖެ ކަމަށާއި އެގޮތުން މެންބަރުންގެ އެންމެ ބޮޑު ޝަކުވާވެސް އޮޅުންފިލާފައިވާ ކަމަށެވެ .
އެމްޑީޕީގެ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެ ޕާޓީގެ މެމްބަރުން ޕާޓީއާ ދުރުވެފައިވުން ކަމަށާއި އެހެންވެ، އެކަން ރަނގަޅު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް، އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މެމްބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވީ، އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އާއި މެމްބަރުންގެ ދެމެދުގައި އުފެދިފައިވާ ދުރުކަމެވެ. އެކަމުގެ ހައްލެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަތީ އަހަރަކު އެއް ފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވުމެވެ.
“އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގުރެސް ބޭއްވޭ ކަމުގައިވަނީ ނަމަ ޕާޓީގެ ގޮފިތައް ވެސް އިންތިޒާމް ވެގެން ދާނެ. އަދި ހަމައެހެންމެ ޕާޓީގެ ގޮފިތަކުގެ ހުރި ކަންބޮޑުވުންތަކާއި އަދި ދާއިރާތަކުގެ ހުރި ކަންބޮޑުވުންތަކާއި އަދި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލާއި އަދި އަސާސީ ގަވާއިދުން ފެށިގެން މަގާމުތަކަށް މީހުން އައްޔަނު ކުރުމުގައި ވެސް ކޮންގްރެސްގެ ފުރިހަމަ ބައިވެރިވުން އޮވެގެން މިކަން ކުރިއަށް ދެވޭ ކަމުގައިވަނީ ނަމަ އަޅުގަނޑަށް ހީވަނީ ހަގީގަތުގައި ވެސް ގޮފިތަކާއި ޕާޓީގެ ހިންގުން ކައިރިކުރެވިދާނެ،” އަސްލަމް ވިދާޅުވި އެވެ.
އެގޮތުން އޭނާ ބާރު އަޅުއްވާނީ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް އެއް ބޭއްވުމަށްކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.
އަސްލަމްގެ އަނެއް ވައުދަކީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ ވަރުގަދަކުރުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖެހޭ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ވަކި މީހެއްގެ މޫނަކަށް ބަލާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި، ކޮމިޓީ އަށް އަންނަ ހުރިހާ މައްސަލައެއް ވެސް އެމްޑީޕީގެ އަސާސީ ގަވައިދުގެ ތެރެއިން އަވަހަށް ބަލަން ޖެހޭ ކަމަށާއި ޕާޓީގެ މެންބަރުންގެ މައްސަލަތަކަށް އެ ޕާޓީގެ އެތެރެއިން ފިޔަވަޅު އެޅޭ ނަމަ، ބޭރުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ
އަސްލަމް ފާހަގަ ކުރެއްވި ތިންވަނަ މައްސަލަ އަކީ އެމްޑީޕީގެ އަމިއްލަ ބިމެއްގައި އެ ޕާޓީގެ ޖަގަހައެއް ނެތުމެވެ. އަސްލަމް ވިދާޅުވީ މާލެ އާއި ރަށްރަށުގައި ވެސް މީހުންގެ ގޯތީގައި އަބަދަކު ޖަގަހަތަކާއި އޮފީސް ނުހިންގޭނެ ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ ބިމެއް ގަނެގެން ވިޔަސް އެ ތަންތަން ގާއިމު ކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ބަދަހި ގުޅުން ވަރުގަދަ ކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި އިންތިޚާބު ކޮންމެ ގޮތަކަށް ދިޔަ ކަމުގައިވިޔަސް އެކަމާ ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށާއި އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވާ ޕާޓީ އެކަތި ގަނޑަކަށްހެދުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ޙާސިލު ކުރުމުގައި ވަރަށް މުހިއްމު ކަމެއްކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް އަސްލަމްއާ ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒެވެ.
އަސްލަމް ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޙަފްލާގައިވަނީ އޮންލައިންކޮށް ކެމްޕޭން މަސައްކަތް ކުރެވޭނެ އެޕެއްވެސް ތަޢާރަފްކޮށްފައެވެ.