English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވާ ބޭފުޅުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު ހަވީރަށް ހަމަވާއިރު އެޕްލިކޭޝަން ހުށަހެޅުން އެންމެ ފަހު ވަގުތަށް މަޑުނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

މީގެތެރެއިން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައި، އެ އެޕްލިކޭޝަންގެ ޖަވާބު އީސީން ވަނީ ދީފަ އެވެ.

އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.