English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް-ފޮޓޯ: ރައީސް އޮފީސް

މި އަހަރު ބާއްވާ ރިޔަސީ އިންތިހާބުގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސް ސޯލިހްގެ ކެންޑިޑެސީ ފޯމު އީސީ އާއި ހަވާލުކުރުމަށް ވަޑައިގަތް ޓީމްގެ މެމްބަރުންގެ ތެރޭގައި އެ މަނިކުފާނުގެ އިންތިހާބީ އެޖެންޓު އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ކެމްޕެއިން ފޯރިގަދަވެފައިވާ އިރު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މިއަދު ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމާ މެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއިރު އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީއިން ވަނީ ރައީސް ޔާމީންއަށް ވާދަނުކުރެވޭ ހާލަތެއްގައި ޑރ.މުއިއްޒު އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.