English Edition
Dhivehi Edition

ރިވެތި އަހުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރިންނާއެކު އުޅެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ރިވެތި އަހުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު މަޖިލިސްތަކަށް ގޮސްގެން ކަމަށާއި މުއުމިނުންނަކީ ނުބައި މީހުންނާއެކު އުޅެވޭނެ ބައެއް ނޫން ކަމަށެވެ. އަދި ހެޔޮ ކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ، އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ ތެދު މަގު ދައްކައި އުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ މަތިވެރި އަހުލާގުގެ ވެރިއަކަށް ވާން ޖެހޭނެ ކަމަށާއި މަތިވެރި އަހުލާގުގެ ވެރިޔާ އޭނާގެ ފަސްބައި ހަޑި ހުތުރު އަމަލުތަކުން ކިލާ ކުރާކަށް ބޭނުމެއް ނުވާނެ ކަމަށެވެ.

ކީރިތި ރަސޫލާ މީސްތަކުން ބައްސަވާފައި ވަނީ ދެ ބައެއްގެ މައްޗަށް ކަމަށާއި އެއް ބަޔަކީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން މަނާކުރާ މީހުން ކަމަށާއި ދެވަނަ ބަޔަކީ ނުބައި ކަންކަމަށް ގޮވާލާ ހެޔޮ ކަންކަން މަނާ ކުރާ މީހުން ކަމަށް ހުތުބާގައި ބުންޏެވެ.

ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށްވުމަށް ކޮންމެ މުސްލިމަކުވެސް އެދޭނެ ކަމަށާއި އެފަދަ މީހަކަށްވުމަށްޓަކައި ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އެގޮތުން ފުރަތަމަ ކަމަކީ ތިމާގެ އަމަލުތަކާއި ބަސްތަކުގައި ﷲއަށް އިހުލާސްތެރިވެ، ތިމާކުރާ ކޮންމެ އަމަލެއް ބުނާ ކޮންމެ ބަހެއް މާތް ﷲ އަށް ހާސިލް ކުރުން ކަމަށް ބުންޏެވެ. އަދި މާތް ﷲ އަށް ހާސިލު ނުކުރާ އެއްވެސް އަމަލެއް ﷲ ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި ﷲ އަށް އިހުލާސްތެރިވާ މީހުން ނުބައި މަގުން އެއްކިބާ ކުރައްވާނެ ކަމަށް ވެސް ބުންޏެވެ.