English Edition
Dhivehi Edition
ކާނަލް ނާޒިމް- ފޮޓޯ: މިހާރު

ޕީޕީއެމް އާއި އެމްޑީޕީއަށްވެސް ފުރުސަތު ދެވިއްޖެ ކަމަށާ އެހެންނަމަވެސް އައްޑޫ ސިޓީ އަށް އެއްވެސް ސަރުކާރަކަށް ތަރަައްގީއޭ ބުނާ މާނައިގައި ތަަރައްގީ ކުރެވުނު ތަނެއް ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ވަރަށް ގިނަ ސަރުކާރުތަކަށް ފުރުސަތު ދެވިއްޖެ ކަމަށާ ޕީޕީއެމް ސަރުކާރަށްވެސް އައްޑޫ ތަރައްްގީ ކުރަން ފުރުސަތު ލިބުނުކަމަށެވެ. އެހެންނަމެވެސް މި ސިޓިއަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެކުރީގެ ސަރުކާރުތަކުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ދެކުނުގެ ތަރައްގީއާއި ގުޅޭ ގޮތުން މި އަތޮޅުތަކުގެ ކަމާއި ބެހޭ ފަރާތްތަކާ މަޝްވަރާކުރެވިފައިވާކަމަށެވެ. އަދި އައްޑޫ ސިޓީ އެކަނި ތަރައްގީކޮށްގެން އެ ސިޓީ އަށް ތަރައްގީ ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަަމަށާ ގއ، ގދ އަދި ފުވައްމުލައް ތަރައްގީކޮށްގެން ނޫނީ މި ސަރަހައްދު ތަރައްގީ ނުކުރެވޭނެކަމަށެވެ. އެހެންކަމުން މުޅި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ޕްލޭނެއް އެކުލަވާލާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ތަރައްގީއަކީ ފެނާއި ނަރުދަމާ، އަދި ބަނދަރާ މަގު ހެދުން ނޫންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އެ މީހުން ތަނަވަސްކަމާއި އެކީ އުޅުންކަމަށެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާކަން ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުވެގެން ނޫނީ ރައްޔިތުންނަށް ހިތްހަމަޖެހޭ އުފަވެރި ދިރިއުޅުމެއް ނުފެންނާނެކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދަށް ކަމަށާ ރާއްޖޭގެ އިގްތިސާދު ރަނގަޅުވެއްޖެ ނަމަ އިޖްތިމާއީ މައްސަލަތައްވެސް ހައްލުވެގެންދާނެކަމަށެވެ.