English Edition
Dhivehi Edition
ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއްގެ ތެރޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޙާއްގު ހޯދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިޚާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެސަބަބާހެދި އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް އިއްޔެ ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.

މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ބުނީ، އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތަށް ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަކީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޙާބަށް ކަނޑައަޅާފައިވާ ކެނޑިޑޭޓެވެ.

އެހެން ނަމަވެސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވޭނީ އިސްތިއުނާފު މަރުހަލާއިން މިނިވަންވެއްޖެ ނަމައެވެ. ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާއި ގުޅިގެންނެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން ގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި އޮތްއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ.

 

1 ކޮމެންޓް
އަހުދު
ޖުލައި 23, 2023
ތިހުރިހާ ތަނަކަށް ތިދަނީ ވަކީލުން. ފޮތް ނުބަލާ، ދެން އަކީލުން މި އިންތިޚާބަށްވެސް ކުރިމަތި ލުމުން ފުދޭނެ އެވެ.