ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރުމަށް އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.
އެ ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހު ހުޅުވާލިއިރު، މުއްދަތު ހަމަވަނީ މިއަދުގެ ނިޔަލަށެވެ.
އެހެންކަމުން އެ ޕްރައިމަރީގައި ވާދަކުރައްވަނީ ވެސް އޭނާ އެކަންޏެވެ.
ދަ ޑިމޮކްރެޓްސްގެ މި ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ މި އިއުލާން ކުރުމާ ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ވުމަށް އެދި ޕާޓީ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެޕާޓީން ބުނެއެވެ.
ދަ ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރަސްމީ އޮފީސް، މ. ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށެވެ. އަދި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުމަށް 3 ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ.
ޖޭޕީ، އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގެ ނިންމުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި އެހެންވެއްޖެނަމަ، އެކުގައި ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށެވެ.