މިމަހުގެ 4 ވީ އާދިއްތަ ދުވަހު، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެމްޕޭން އިވެންޓެއްގެ ތެރެއިން މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅޭ ގޮތުން ދައްކަވާފައިވަނީ “ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގު” ވާހަކަތަކެއްކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
” ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ، މުޙައްމަދު މުއިއްޒު އަރިހުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތްކުރިކަމަށް މިނިސްޓަރު އަލީ އިޙްސާން ލައިވް ޓީވީގައި ދެއްކެވި ހަގީގަތާއި ހިލާފު ދޮގު ވާހަކަ މިޕާޓީއިން ކުށްވެރިކުރަން،” ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދެހާސް ތޭވިސް ވަނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މި ޕާޓީ އިން ކުރިއަށްދާނެ ގޮތެއް ނިންމުމަށް އެ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވުނު ޕާޓީގެ އިންޓަރިމް ކައުންސިލްގެ 7 ވަނަ ބައްދަލުވުމުން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް އެ ޕާޓީއިން ވާނީ ނިންމާފައިކަމަށް ވެސް މިއަދު ބުންޏެވެ.
“ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ފަޅުރަށަކުން ފެނުނުކަމަށް ބުނާ ހާދިސާއާއި، ޑިފެންސް މިނިސްޓަރުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ ފްރޭމްކުރުމަށް ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެތައް ފަހަރަކު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ފަދަ ދޮގު ހެދުމާއި އޮޅުވާލުމުގެ މާޒީއެއް އޮތް ބޭފުޅެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމީ ހައިރާންކުރުވަނިވި ކަމެއްކަމުގައި ނުވިނަމަވެސް ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު މަތިވެފައިއޮތް ވުޒާރާގެ ވަޒީރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުން،” އެއީ އެ ޕާޓީއިން ނުހަނު ކަންބޮޑުވަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.