English Edition
Dhivehi Edition
ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އާއި ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފިއެވެ.

ތިނަދޫގައި ސިހުރު ހެދުމަށް ސައުދު ބަޔަކު ސަހަރާ ތެރެއަށް ވެއްދި ކަމަށާއި ސިހުރު ހެދުމަށް ބަޔަކު ތިނަދުއަށް ފޮނުވި ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާއިރު އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ތިނަދޫގައި ސިހުރު ހަދާކަމަށް ބުނެ ފެތުރިފާ އަޑުތަކާ، ސައުދު އާއި ގުޅުވައިގެން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އޭނާ ބުނީ ސައުދުގެ ނޫސްބަޔާނުގައި ބުނެފައިވަނީ މިފަހަރުވެސް އޭނާ އާއި ގުޅުވައިގެން ފެތުރި ހަބަރުގެ އަޑީގައި ތިބީ މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ފެތުރި ހަބަރުގެ އަޑީގައިވެސް ތިބި މީހުންކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެފަދަ އަމަލެއް އޭނާ ކޮށްފައިނުވާ ކަމަށް ވިދާޅުވެ އެތައް ބައެއްގެ ގާތުގައި ހުވާކޮށްފައިވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ބުނީ ކުޑައިރުއްސުރެ (1970 އަހަރުތަކުގެ ތެރެއިން ފެށިގެން) އޭނާގެ މަންމަ ބަލިކޮށް އުޅޭތީ ފުދުންތެރިކަން ހުރި ވަރަކުން ބޭސްކުރަމުންގޮސް ބަލިން ޝިފާދެއްވާތޯ މަންމަ ގޮވައިގެން ލަންކާ އާއި އިންޑިޔާއަށް އެތައްފަހަރަކު ގޮސްފައިވާ ކަމަށެވެ. އަދި ބެންކޮކުގެ ހޮސްޕިޓަލްގެ ތަފާތު އެކިއެކި ޑޮކްޓަރުންނަށް ދައްކައި އެއިރަކު ހެދެންހުރި އެންމެފަހުގެ ޓެސްޓްތައް ހެދުމުންވެސް ބައްޔެއް ނުފެނި އަދި މަންމަގެ ބައްޔަށް ޝިފާއެއް ނުލިބި އުޅެމުން ދިޔައީ އެ ވޭނުގައި ކަމަށެވެ. އެގޮތުން ދެތިން ފަހަރަކު ފުރާނަ ދަނީހެން ހީވި ފަހަރުތަކެއްވެސް އައިސްފައިވާ ކަމަށް ސައުދު ވަނީ ބުނެފައެވެ.

އިތުރަށް ސައުދު ބުނީ އާއިލާގެ އެހެން ބައެއް ކުދިންނަށްވެސް އެފަދަ އުނދަގޫތަކެއް ވާތީ ޑޮކްޓަރަށް ދައްކައިގެން އެއްވެސް ބައްޔެއް ނުފެނިގެން ރުގްޔާ ކުރާމީހެއް ކައިރިޔަށް ދިޔުމުން އެއީ ސިހުރަކުން ނުވަތަ ފަންޑިތަވެރިކަމަކުން ދިމާވެގެން އުޅޭ ކަމެއްކަން އެގިގެން ދިޔަ ކަމަށެވެ. އަދި އެކަމަކީ ސައުދު ދިރިއުޅެމުންދާ ގެ މިހާރު ހުރިތަނަށް ތިނަދޫ އިން މީހުން ބޭލުމުގެ ކުރިން ކޮންމެވެސް ބަޔަކު ހަދާފައިހުރި ކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއްކަން ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަންތަކުން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގައި އެހީތެރިކަން ފޯރިކޮށްދިން ފަރާތްތަކުގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ގެ ބޭބެ އަދި އެއިރު ސައުދުގެ އާއިލާގެ ވަރަށް ގާތް ފަރާތެއް ކަމުގައިވާ ތިނަދޫ މަސްޖިދު އަލީގެ މުދިމު ޝާތިރު އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މިހާރުގެ މެންބަރުގެ ބައްޕަ އަދި އާއިލާ އާއިލާގެ އެންމެން ނުހަނު އިހްތިރާމްކުރާ އަދި އެހާމެ ލޯބިވާ ހައްޔުބެ (ޢަބްދުލް ހައްޔު) ހިމެނޭ ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

ސައުދު ބެހޭގޮތުން ފުރާނަޔަށް ނުރައްކާ ވާ ފަދަ ދޮގު ހަބަރުތައް އުފައްދައިގެން ފަތުރައި އަބުރު ގެއްލުވާލުމަށް މަސައްކަތްކުރި ފަރާތްތަކާއި މެދު ދެދުނިޔޭގައިވެސް ދަޢުވާކުރާނެކަން ހާމަކުރަމުން ސައުދު ވަނީ ހާއްސަކޮށް ޤިޔާމަތް މަޙުޝަރުގައި މަޢާފުކުރުމެއް ނެތި ދަޢުވާ ކުރާނެކަމަށެވެ.

ޓެގު