English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “އުޖާލާ ޒަމާން” ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެ ކަމަށާއި މިއަދު އެތަނެއް ނުފެނޭ ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ.

“ބޯޑުތަކަށް މިލެވެނީ ވަރަށްތަފާތު ބޭބޭފުޅުން. ބުނިހާގޮތަކަށް ނުވަތަ އިޝާރާތަކުން ވެސް ކަންތައް ކޮށްލާ ބޭފުޅުން. ރައީސުލްޖުމްހޫރިއްޔާގެ އިޝާރާތަކަށް ނުވަތަ އޮފީހުން ކޮށްލާ އިޝާރާތަކަށް ކަންކަން ކޮށްލާ ބޭފުޅުން.” ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެމްއެންޕީ ނުވަތަ ނާޒިމްގެ ވެރިކަމެއްގައި އެތަންތަނަށް ލެވޭނީ ތައުލީމީ، ގައުމާއި ދެތެރޭ ވިސްނާ، ޖަވާބުދާރީވާން ކެރޭ ރަނގަޅު ބޭފުޅުންގެ ގޮތުގައި ހައްދަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ސަރުކާރުގެ ސިޔާސީ ވައުދުތައް ފުއްދުމަކީ ވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށާއި ސިޔާސީ ވައުދު ފުއްދާކަށް ޖަގަހަ ހަދާކަށް ކުންފުނިތަކު މުވައްޒަފުން ބޭނުމެއް ނުކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ އެއްވެސް މުވައްސަސާއެއް ކޮމްޕްރަމައިސް އެއް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން މަޖިލީހަށް ޖަވާބުދާރީވުމަށް ކުންފުނިތަކަށް ބާރުއަޅުއްވައި، މިނިވަން މުވައްސަސާތަކުގެ ބާރުކަނޑުވާލާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ ނިޒާމެއްގެ ތެރޭގައި ޒިންމާދާރުކުރުވުމުގެ ކަންކަން ވަނީ ވަރަށްރަނގަޅަށް ހަމަޖެހިފައި ކަމަށާއި އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ އެ ޒިންމާދާރުކުރުވުން އެއްވެސްވަރަކަށް ހިނގަމުން ނުދާތަންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ހިންގުމުގެ ސިސްޓަމް މިވަނީ ފެއިލް ވެފައި ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެއްވެސް ތައައްސުބެއް ނެތި ގައުމު އިސްކޮށްގެން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

އެހެންވީމަ 9 ސެޕްޓެމްބަރ ގައި ރައްޔިތުން ނުކުމެ، މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ނުކޮށް ތިބެއްޖިއްޔާ އަޅުގަނޑުމެންގެ ދަރީންގެ ދަރީން ނުކައި ތިބެންޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.