ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއިމެދު ހިތުގައިވާ ލޯތްބާއި އިހުތިރާމްގެ ސަބަބުން ދިވެހި ފިލްމީ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އަބްދުލްފައްތާހު ޕްެރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ކޮށްފިއެވެ.
ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ޚިދުމަތް ކުރައްވަމުންދާ ފައްތާހު ޕީޕީއެމް އަށް ސޮއިކޮށް ފޯމު ހަވާލުކޮށްފައިވަނީ މި ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ރެލީގައެވެ. އޭނާގެ މެމްބަރޝިޕް ފޯމު ހަވާލުކުރީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާ އެވެ.
ފޯމު ހަވާލުކުރުމަށްފަހު ވާހަކަދައްކަމުން ފައްތާހު ބުނީ އޭނާ އެ ޕާޓީއަށް ސޮއިކުރީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް އޭނާގެ ހިތުގައިވާ ލޯތްބާއި އިހުތިރާމްގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކޮށް، ދެން އޮތް ފަސް އަހަރުގެ ދައުރަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އެމަނިކުފާނު ކުރާތަނަށް ދެކެން ބޭނުންވާތީ ކަމަށެވެ.
ފައްތާހު ޕީޕީއެމްއާއި ގުޅުމުން ޕީޕީއެމްއިން ވަނީ އޭނާއަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި މެދު ގޮތްތަކެއް ސާފު ނުވާއިރު، އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމެ އިސްތިއުނާފްގެ އަޑު އެހުންތައް ކުރިއަށް ނުދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.
އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.