ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ހެކިން ހާޒިރު ނުކުރެވުމުގެ ސަބަބުން މިއަދުވެސް ކެންސަލް ކޮށްފިއެވެ.
އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގައި ހިމެނޭ ފުއްގިރި ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތްތައް ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޚަލާއެވެ.
މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެހެން 8 ހެކިން ހެކިބަސް މިހާރުވަނީ ނަގާފައެވެ.
ފުއްގިރި މައްސަލައިގައި އެންމެ ފަހުން، މެއި މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައު ރައީސް ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން އިއްވަވާފައެވެ.
ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.