ރައީސް ނަޝީދުގެ ސިޔާސީ ތަރިވެސް އެދަނީ އޮއްސެމުން ކަމަށާއި އެމްޑީޕީގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިމުމުގެ ފެށުން ކަމަށް އައްޑޫ މަރަދޫ ދައިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅަކީ އެމްޑީޕީ ފުނޑުފުނޑު ކޮށްލައްވަން ކުރެއްވި މަސައްކަތް ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ގެއްލޭއިރު އެމްޑީޕީ ރޫޅާލަން ކުރެއްވޭނެ ކަމެއް ރައީސް ނަޝީދަށް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ފަހު އެ ޕާޓީ ވެގެން ދާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ފަދަ ކުޑަ ކުޑަ ޕާޓީއަކަށް ކަމަށެވެ. އަދި މިހާރު މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ހޮވިފައި ތިބި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކޮންމެ ސިޔާސީ ލީޑަރެއްގެ ތަރި އަރާ އޮއްސޭ ބީދައިން ނަޝީދުގެ ތަރިވެސް އޮއްސެމުން އެދަނީ. އެމްޑީޕީގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިމުމުގެ ފެށުން.” ޝަރީފް ވިދާޅުވިއެވެ.