އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ފާސްނުވެ އޮންނާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މި ބަިލާއި ގުޅޭގޮތުން ކުރި ބަހުސްގައި އޭނާ ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ އޮންްނަ ގުޅުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ގާއިމު ކުރުމަށް މުހިންމު ބިލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި އެއްވެސް މެމްބަރެއްގެ ވާހަކައިގައި އެ ބިލު ފާސް ކުރުމާއި ބަލައިގަތުމާއި ދޭތެރޭގައި އެއްވެސް ވާހަކައެއް ނުދައްކާކަން ފާހަގަކުރައްވާ ވިދާޅުވީ އެފަދަ މުހިންމި ބިލެއް ހުށަހެޅިގެން އެހާ ދުވަސްވާ އިރުވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަކާއި ހަމައަށް ނުގޮސް އެކި ކަހަލަ “ލަމްވާ ޗޯޅާ” ވާހަކަތަކުގެ ތެރެއިން ލާފައި އެ ބިލު އޮންނަނީ ތާށިވެފައި ކަމަށެވެ.
އެއީ ހިތާމަވެރި ކަމެއް ކަމަށާއި އަދި އެ ބިލު ވީހާވެސް އަވަހަކަށް ފާސްކުރުމަށް އެހީތެރިވެދިނުމުން މަޖިލިސް މެމްބަރުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފެހި ގާނޫނު އަސާސީ ފާސްކުރި ފަހުން 15 އަހަރު ވެއްޖެ ކަމަށާއި އެހެން ނަމަވެސް މި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި އޮތް މަސައްކަތް ތެރިންގެ ޖަމިއްޔާ އުފެއްދުމުގެ ހައްގު އެކަށީގެންވާ ރަނގަޅު ގޮތެއްގައި ހިންގުމަށްޓަކައި ބޭނުންވާ ގާނޫނެއް މިއަދާ ހަމައަށް ވެސް އެއްވެސް ސަރުކާރަކުން އެއްވެސް މަޖިލީހަކުން ފާސްކޮށްފައި ނެތްކަން ހިތާމައާއެކު ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.