English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އާ ބައްދަލުކުރައްވައިފިއެވެ.

ގާސިމް މިހާރު ދިރިއުޅުއްވަމުން ގެންދަވާ، ސަން އައިލެންޑްގައި ބޭއްވި މި ބައްދަލުކުރެއްވުމަށް އަލީ ވަހީދު ވިލާއެއަރގައި ވަޑައިގަތުމުން އޭނާ މަރުހަބާ ވިދާޅުވީ ގާސިމް އިބުރާހިމްއެވެ.

ޖުމުހޫރީ ޕާޓީން ކުރި ޓުވީޓެއްގައި ވަނީ އަލީ ވަހީދު، ގާސިމް އިބްރާހިމް އާ ބައްދަލުކުރެއްވިކަން ހާމަކޮށްފައެވެ.

އަލީ ވަހީދު، ފާއިތުވެދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެންފައިވަނީ، ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭ ދައުވާތައް އަބުރާ ގެންދިއުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު ފާއިތުވި ދެއަހަރު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައެވެ.

އޭނާ އިނގިރޭސިވިލާތަށް ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އޭނާ ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައެވެ.

ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ދެމަހާއި 12 ދުވަހަށް އޭނާ ބަންދުކުރުމަށެވެ. އެއީ 2021 ވަނަ އަހަރު އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެ މައްސަލާގައި އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް މައާފު ދިނީ އޭނާ މައާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. އަދި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހު ކަމަށް ވެސް ބުނެފައި ވެއެވެ.