English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކުން ފެންނާނެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖއެވެ.

އޭނާ މިހެން ވިދާޅުވީ ޓޫއަރިޒަމް މިނިސްޓަރގެ މަގާމުގައި ހުންނަވާ، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލާފައިވަނިކޮށް، ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ރާއްޖެއިން ފުރާވަޑައިގެންނެވި ފަހުން އެނބުރި ރާއްޖެ ވަޑައިގެންނެވީ 2 އަހަރަށްވުރެ ގިނަ ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހުއެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެނައުމުންނެވެ.

“އަޅުގަނޑު ރާއްޖެ އައުމަށް އެއްވެސް ސިޔާސީ ޕާޓީއަކާއެކު ހެދި ޑީލެއް ނޯންނާނެ. ސިޔާސީގޮތުން ވަކިގޮތަކަށް އަދި ނުވިސްނަން. ވިސްނާފަ އަޅުގަނޑު ޕޯޑިއަމަށް އެރީމަ ތިބޭފުޅުންށަށް ފެންނާނެ.” އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ ގޮތުގައި ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން މިހާރު އޭނާއަކީ އެ ޕާޓީގެ ރައީސް ނޫން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައި ނުލައި، އެހެން ޕާޓީއަކުން ވަކި ފޯމެއް ނުލަންޏާ، އަދިވެސްއިންނާނީ ޖޭޕީގެ އާންމު މެންބަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާގެ އާއިލާއިން މިހާރު ސިޔާސީ މަސައްކަތްތަކުގައި އުޅެން ތާއީދު ނުކުރާކަމަށާއި އެހެންވެ، ބޮޑަށް ވިސްނުން ހުރީ ފުޓުބޯޅައިގައި އުޅުމަަށް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.