English Edition
Dhivehi Edition

ފަތަޙް ޖަމާއަތާއި ހަމާސް ޖަމާއަތާއި ދެމެދު ކުރެވޭ މަޝްވަރާތަކުގައި، ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމާ ގޮތުން މަޝްވަރާ ނުކުރާ ކަމަށް ފަތަހް ޖަމާއަތުން ބުނެފިއެވެ.

ފަލަސްތީނުގެ މި ދެ ޖަމާއަތުގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި ހަމާސްގެ ޤައްސާމް ބްރިގޭޑުން ހަތިޔާރު ތިރި ކުރުން މަޝްވަރާގެ މޭޒު މަތީގައި ނެތް ކަމަށް ފަތަޙް ޖަމާއަތުގެ ތަރުޖަމާނު އޮސާމާ އަލް-ޤަވަސްމީ އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެއެވެ.

އަލް-ޤަވަސްމީ ވިދާޅުވީ ހަތިޔާރު ތިރި ކުރުމާ ބެހޭ ގޮތުން މިހާތަނަށް މީޑިއާގައި ވާހަކަ ދައްކާފައި ވަނީ ހަމާސް ޖަމާއަތުން އަމިއްލައަށް ކަމަށެވެ. އެނާ ވިދާޅުވި ގޮތުގައި ފަތަޙް ޖަމާއަތް މަޝްވާރާ ކުރަމުން ދަނީ ދިފާއީ ރައްކާތެރި ކަމާ ބެހޭ ގޮތުން ކަމަށެވެ.

ޤަވަސްމީ ވިދާޅުވި ގޮތުގައި ފަލަސްތީނު ސަރުކާރަށް ޤައްޒާގައި ރައްކާތެރި ކަން ޤާއިމު ނުކޮށް ސަރުކާރުގެ ޕްލޭންތަށް އަދި މަޝްރޫއުތަށް ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ފަތަޙް އަދި ހަމާސް ޖަމާއަތް އިސްވެ އޮވެ ފަލަސްތީނުގެ ސިޔާސީ ޖުމްލަ 13 ފަރާތަކުން ބައިވެރިވެ މިސްރުގެ ވެރިރަށް ޤާހިރާގައި ވަނީ ބާއްވާފައެވެ.

މި މަޝްވަރާތަކާ ގުޅިގެން ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ ހަލީލް އަލް-ހައްޔާ ވިދާޅުވީ ހަތިޔާރު ތިރި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. އެނާ ވިދާޅުވި ގޮތުގައި ހަމާސް ޖަމާއަތުން މަސައްކަތް ކުރާނީ ޤައްޒާ ބަންދު ކޮއްފައި އޮތް އޮތުން ނައްތާލަން ކަމަށެވެ. އަދި ފަލަސްތީން ސަރުކާރުން އާޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަށް އުފުލުމަށެވެ.

އަލް-ހައްޔާ ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް މަޝްވަރާގެ މަޖިލީހަށް އައުމަށެވެ. އަދި މީގެ އިތުރުން އެ ގައުމުގެ އާންމު އިންތިހާބު ބޭއްވޭނެ ތާރީހެއް އަވަހަށް އިއުލާން ކުރުމަށެވެ.