English Edition
Dhivehi Edition

މި މަހުގެ 7 ވަނަދުވަހު ފަލަސްތީނުން ރަހީނުކުރި އިޒްރޭލުގެ 222 އަސީރުންގެ ތެރެއިން އިތުރު ދެ މީހަކު ރޭ ދޫކޮށްލައިފިއެވެ.

ރޭ ހަމާސްއިން ދޫކޮށްލާފައިވަނީ ޔޯޗެވް ލިފްޝިޓްޒް(79 އަހަރު)، ނޫރިޓް ކޫޕާ (85 އަހަރު)ގެ ދެ އަންހެނުންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ ފިރިންނާއެކުގައެވެ. ރޭ ހަމާސް ޖަމާއަތުން މި ދެމީހުން ދޫކޮށްލި ނަމަވެސް، މި ދެމީހުންގެ ފިރިން އަދިވެސް ހަމާސް އިން ދޫކޮށްލާފައެއް ނުވެއެވެ.

ހަމާސް އިން މި ދެމީހުން ދޫކޮށްލިކަން ޔަގީންކޮށް ދެމުން ބުނީ މި ދެމީހުންވެސް ދޫކޮށްލީ އިންސާނީ އެހީއަށް އިތުރަށް ބާރު އެޅުމުގެ ގޮތުންނެވެ. މިދިޔަ ހުކުރުދުވަހުވެސް ހަމާސްއިން ވަނީ ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ދެމީހަކު ދޫކޮށްލާފައެވެ.

އިޒްރޭލުގެ ޕްރައިމް މިނިސްޓަރުގެ އޮފީހުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ފަލަސްތީނުން ރޭ މިނިވަންކުރި ދެމީހުން އެމީހުންގެ އާއިލާ އާއި ހަމައަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ ކުއްލި ސިއްހީ ފަރުވާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްތީނާ އިޒްރޭލުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅު ހަމާސް އިން ރަހީނުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކުރަމުން އަންނައިރު ހައްދުފަހަނަޅާފައިވާ އިޒްރޭލުން ވަނީ މިކަމުގެ ބަދަލެއްގެ ގޮތުން އިޒްރޭލު ސަރުކާރުން ފަލަސްތީނުގެ އެއްވެސް މީހަކު މިނިވަންނުކުރާކަމަށް ބުނެފައެވެ.