ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.ކަރެކްޝަން ސާވިސްއިން ދީފައިވާ ހުއްދައާއެކު ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވި ގާސިމް ޖަރުމަނަށް ވަޑައިގަތީ ޚާއްސަ ހުއްދައެއްގެ ދަށުން މެޑިކަލް ޑޮކްޓަރުންގެ ޓީމަކާ އެކުގަ އެވެ
ގާސިމްގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކަރެކްޝަން ސާވިސްއިން އެންމެފަހުން ޓްރެވެލް ޑޮކިއުމެންޓް އާ ކޮށްދިނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ މުއްދަތު ހަމަވެފައިވާއިރު މިހާރު ގާސިމް އަތުގައި ޓްރެވެލް ޑޮކިއުމެންޓެއް ނެތްކަމަށެވެ. އެހެންކަމުން އެމަނިކުފާނު ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރައްވަން ޖެހެނީ އެ ގައުމުގެ ހާއްސަ ވިސާއެއްގެ ދަށުން ވަރަށް ދަތި އުނދަގުލުގަ ކަމަށް ވަކީލުންގެ ޓީމުންވަނީ ވިދާޅުވެފައެވެ
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު މިދިޔަ މަހުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ގާސިމަށް ދިން ބޭސް ފަރުވާގެ މުއްދަތު ކަރެކްޝަނުން މީގެކުރިން އިތުރުކޮށްދީފައިވާއިރު އިތުރަށް މުއްދަތު ނުދޭން މިހާރު ވަނީ ނިންމާފަ އެވެ.