English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ރ. އަތޮޅު ފުއްގިރި ކުއްޔަށް ދިނުމުގައި ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ މި މައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހެނދުނު 9 ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ “ކްރިކް ރިޒާ” މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ “ސަން ސިޔާމް” ގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުން ކަމުން މިއަދު ހެނދުނު 9 ޖަހާއިރު އެ ޝަރީއަތް ވެސް ކުރިއަށްދާނެވެ.

އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީ މިމަހު 19 އަދި 20 ވަނަ ދުވަހު އޮތް އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުންތަކެއް މި މަހުގެ 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އަވަހަށް މައްސަލަ ނިންމަން ދައުލަތުން އެދިފައިވާނެ ކަމަށާއި ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލުކުރީ ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ކަމަށެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.

އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.