މާލޭގެ މަގުތައް މަރާމާތު ކުރުމުގައި މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުން އެންމެ އެދެވޭ ބަދަލެއް ނުފެންނަނީ ސަރުކާރުން މަގު ހެދުމުގެ މަޝްރޫޢު ސިޓީކައުންސިލްގެ އަތުން އަނބުރާ ގެންދިއުމުގެ ސަބަބުން ކަމުގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މުޢިއްޒު މިފަދައިން ވިދާޅުވީ މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ 14 މަގަކުން 174 ކާނުމަތި ބަދަލު ކުރެވުނު ޚަބަރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މޭޔަރގެ ޓްވީޓްގައި ވިދާޅުވީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކައުންސިލުން ކޮންމެ ދުވަހަކު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެންނަމަވެސް އެންމެ އެދެވޭފަދަ ބަދަލެއް ނުފެންނަނީ މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން އަނބުރާ ގެންދިޔުމުގެ ސަބަބުން ކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ނިމިދިޔަ ކައުންސިލާއި ސަރުކާރާއި ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މާލެ ސިޓީކައުންސިލްގެ އަތުން މަޝްރޫޢު ގެންދިއުމަށްފަހު އެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ) އާއިއެވެ.
މަގު ހެދުމުގެ މަޝްރޫޢު ގެންދެވިނަމަވެސް ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލެސިޓީގެ މުނިސިޕަލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މާލެ އައި ވިލިމާލޭގެ މުނިސިޕަލް ކަންކަން ރަނގަޅުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.