English Edition
Dhivehi Edition

އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާފަދަ ކަންކަން ނުކުރުމަށް ދިވެހި ސަރުކާރުން އިލްތިމާސް ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މިގޮތަށް އިލްތިމާސް ކުރެއްވީ އަޟްޙާ ޢީދު ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ހިންގި ހަރަކާތެއްގައި، އަވަށްޓެރި އިންޑިއާއާއި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާމެދު ނަފްރަތު އުފެދޭގޮތަށް ހިންގި ޢަމަލަކާއި ގުޅިގެންނެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯޖެހި މާސްކުތަކެއް އަޅައިގެން ހިންގީ އިހްތިރާމްކުރުމުގެ ޢަމަލެއް ކަމަށާއި އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

“އިންޑިއާ އައުޓް” ނަމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރުމަށް ހިންގާ އަމަލުތައް ވެސް ކުއްވެރިކުރައްވާ ކަމަށާއި ޢީދު ފަދަ މާތް މުނާސަބަތެއް ފާހަގަކުރުމުގެ ނަމުގައި، ރާއްޖެއާއި އެންމެ ގާތް ޤައުމާއި އެ ޤައުމުގެ ވެރިންނާއި ދެކޮޅަށް ހިންގި ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ނަފްރަތު އުފައްދަން ހިންގި އަމަލެއް ނޫންކަމަށެވެ.

އެފަދަ ދެކޮޅުވެރިކަން ދެއްކުމުގެ އަމަލުތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫއެރުވުމުގެ މަޤްޞަދުގައި ހިންގާ އަމަލުތަކެއްކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

“އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް، އަދި އެންމެ އިތުބާރުކުރެވޭ އަވަށްޓެރި ޤައުމު. ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އަބަދުވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދޭ.” ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި ދެ ޤައުމުގެ ލީޑަރުންގެ ވަރުގަދަ މަސައްކަތްތަކާއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް ގޮސްފައިވާކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ދަށުދަރަޖައިގެ އަމަލުތަކުން ދުރުހެލިވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.