މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމު ރާއްޖޭގެ ދެ އަތޮޅަކަށް ފުރައިފިއެވެ.
ޖޭޕީ އިން ބުނީ އެ ޓީމު ފުރާފައިވަނީ ރ. އަތޮޅަށާއި ބ. އަތޮޅަށް ކަމަށެވެ.
އެޓީމުގައި ހިމެނެނީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި އުތުރު ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމް އާއި ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިްގެ ތަރުޖަމާން ޢަބްދުﷲ އަމީން އާއި ޕާޓީގެ ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ނަވާޒް ކަމަށެވެ. އަދި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަލީ ޙުސައިން އާއި ޕާޓީގެ ޒުވާނުންގެ ލީގުގެ ނައިބްރައީސް ޝުއައިބް ޝިފާޒް ޝަރީފް އާއި ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު ވެސް މި ޓީމުގައި ހިމެނޭ ކަމަށް ޖޭޕީ އިން ބުނެއެވެ.
އެ ޓީމުން ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާނެ ކަމަށާއި މިޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެ ކަމަށް ވެސް ޖޭޕީ އިން ބުނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކުރާނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑީޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައް ވެސް ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީ އިން ބުނެއެވެ.
ޖޭޕީ އިން ބުނީ ބ އަތޮޅުގެ އިތުރުން ހއ. އއ. ރ އަތޮޅުގެ ބައެއްދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާރްރައް ފެށިގެން ކުރިއަށްދާ ކަމަށާއި އެގޮތުން ޖޭޕީގެ ލީޑަރގެ އެޑްވައިޒަރ ޔަޝްފާ އަބްދުލް ޣަނީގެ ލީޑަރޝިޕްގެ ދަށުން މަކުނު ދާއިރާގެ ރަށްރަޙުގައި މިހާރު ކެމެޕެއިން ހަރަކާތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ކައުންސިލް މެމްބަރ މުޙައްމަދު އަލީ އަދި ދާއިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީލާ ރަޝީދު މަތިވެރި ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްއެބަގެންދަވާ ކަމަށް ވެސް ޖުމްހޫރީ ޕާޓީ އިން ބުނެއެވެ.