English Edition
Dhivehi Edition

ކުޅިވަރުގެތަކުގެ މެދުގައި ހުރިތަފާތުކުރުންތައް ނައްތާލެވިއްޖެ ކަމަށާއި ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައްވާނީ ހުޅުވާލަދީފައި ކަމަށާއި އޭގެ ނަތީޖާ އެކުޅިވަރުތަކުން އެދަނީ ދައްކަމުން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެޭގެ ގައުމީ ޓީމު އިއްޔެ ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ބަލިވުމާއިއެކު މަހްލޫފުގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މަހްލޫފު ވިދާޅުވީ ޖެހިޖެހިގެން 2 ވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީމަ ވަރަށް ދެރަ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ޔަގީން ކަމަށާއި ކުރިއަށް އޮތް މެޗަށް ކާމިޔާބަށް އެދޭ ކަމަށެވެ. އަދި ހަންޕުގެ ގޯލު ވަރަށް ރީތިކަން ފާހަގަ ކުރެއްވިއެވެ.

މަހްލޫފު ވަނީ ބަލިވިޔަސް މޮޅުވިޔަސް އަބަދުވެސް ޤައުމީ ޓީމާއެކު ހުންނަވާނެކަން ވެސް ހާމަކުރައްވާފައެވެ.

މީގެ އިތުރުން ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް ވެސް މިސަރުކާރުން ވާނީ ކޮށްފައި ކަމަށާއި އަދި އެދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.

“މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ. ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިއްޖެ، ޖުމްލަ 120 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް. މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އިރާދަކުރެއްވިއްޔާ އަދި ފެންނާނެ.” މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޝައްކެއްވެސް ނެތް މިސަރުކާރުން ހަމައެކަނި ކުރިއަރުވާ ތަރައްގީކުރަން މަސައްކަތްކުރަނީ ފުޓުބޯޅަ އެކަނި ނޫން ކަމަށާއި ކުޅިވަރުގެތަކުގެ މެދުގައި ހުރިތަފާތުކުރުންތައް ނައްތާލެވިއްޖެ ކަމަށެވެ. އަދި ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް، ގިނަ ދޮރުތައްވާނީ ހުޅުވާލަދީފައި ކަމަށާއި އޭގެ ނަތީޖާ އެކުޅިވަރުތަކުން އެދަނީ ދައްކަމުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އެގޮތުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދާ ޚާއްސައެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރުކުޅެ، ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުންފަދަ ގިނަ ފުރުސަތުތައް ވާނީ ހުޅުވާލަދީފައިކަން މަހްލޫފް ފާހަގަކުރެއްވިއެވެ. އަދި އެފުރުސަތުތަކުގެ ބޭނުންހިފާ، މިއަދު އެކުދިން ރާއްޖެ އެއަންނަނީ 2 ރަން މެޑަލް އަދި 1 ބްރޯންޒް މެޑަލް ހޯދައިގެންކަން ވެސް ފާހަގަ ކުރެއްވިއެވެ.

“މިއަށްވުރެ ވަކި ކުޅިވަރުގަ ލިބޭނެ ބޮޑު އުފަލެއް ކޮބާ؟” މަހްލޫފް ސުވާލު ކުރެއްވިއެވެ.

ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް މިއަދު ނުދެކޭ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި އެކަމާ (މެޗަކުން ބަލިވުމުން) ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދައިދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެބުމާއި ލިބޭ އުފާ މާބޮޑު ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން ކަމަށާއި ރަންމެޑަލްތައް ލިބުނީ މުޅި ދުނިޔެއާއި ވާދަކޮށްގެން ކަމަށެވެ. އެހެންވެ، މާޔޫސްކަން ދޫކޮށްލާ ހަމައެފޯރީގައި ނުކުމެ، ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ޖުލައި 2 ވަނަ ދުވަހު ހެނދުނު 9:45 އަށް ރަސްމީ ފާލަމަށް ވަޑައިގެންދެއްވުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ.

ޓެގު