ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ބީ ގެ ދެވަނަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.
މިރޭ ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ ބޫޓާންގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފަސްވަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރާއްޖެއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
ރާއްޖެއަށް މި ޕެނަލްޓީ ލިބުނީ ބޫޓާންގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ހަމަލާއެއް އުފެެއްދުމަށް މަސައްކަތްކުރަނިކޮށް، ބޫޓާންގެ ޓެންޒިން ޑޯޖީ ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ލަނޑު ޖަހައިދިނީ ވެސް ހަމްޕު އެވެ.
މި ލަނޑަށް ފަހު ވަކި ހިސާބަކުން ބޫޓާނުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެގޮތުން ރާއްޖޭގެ ހާފުގެ ތެރޭ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރަމުން ގެންދިޔަ ބޫޓަނަށް ލަނޑު ޖަހަން ރަނގަޅު ހުސް ދެ ފުރުސަތެއް ލިބުނެވެ.
ބޫޓާންގެ ކެޕްޓަން ކަރަމް ޝެޑްރުޕް ޝެރިން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ދިފާއުކުރުމާއި އެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ބޫޓާންގެ ޔެޝީ ޑޯޖީއަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ހުސައިން ވަނީ ދެވަނަ ފަހަރަށްވެސް މަތަކޮށްފައެވެ.
ބޫޓާނަށް ލިބުނު ދެވަނަ ފުރުސަތުގައި ޕެނަލްޓީ އޭރިއާ ބޭރުން ޔެޝީ ޑޯޖީ ފޮނުވާލި ބާރު ހަމަލާ ކީޕަރު ހުސައިން މަތަކުރުމާއެކު ރީބައުންސް ވެގެން ނުކުތް ބޯޅަ ހުސްކޮށް ހުރެ ޑޯޖީ ފޮނުވާލި ނަމަވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ.
ބޫޓާނުން ރަނގަޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި، އެއް ލަނޑުގެ ލީޑަކާއި އެކު ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ ފަހު ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން އައީ ބޫޓާނުންނެވެ. ނުރައްކާތެރި ދެ ހަމަލާއެއްވެސް އުފެއްދިއެވެ. ނަމަވެސް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މި މެޗުގައި ރާއްޖޭގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ އެންމެ ފަހުވަގުތު ދާދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.
މި މުބާރާތުގައި ރާއްޖެ ދެން ކުޅެން ޖެހޭ މެޗުގައި ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އަދި ބޫޓާން ނުކުންނާނީ ލުބުނާނާއި ދެކޮޅަށެވެ.
މި މުބާރާތުގެ ކުޅުމެއް މާދަމާ ނޯންނާނެއެވެ. ދެން މި މުބާރާތުގެ މެޗެއް އޮންނާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.