English Edition
Dhivehi Edition

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް އަވަށްޓެރި އިންޑިއާގައި އިއްޔެ ވަނީ ފެށިފެއެވެ. މި މުބާރާތުގެ ގުރޫޕް އޭގެ ދެ މެޗެއް މިހާތަނަށް ވަނީ ކުޅެފައެވެ. މިއަދު ކުޅޭނީ މި މުބާރާތުގެ ގުރޫޕް ބީގެ ދެ މެޗެވެ. އޭގެތެރެއިން މިއަދު ހަވީރު ކުޅޭ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލުބުނާނާއި ބަނގްލަދޭޝްއެވެ. މިއީވެސް ބަލާލާ ހިތްވާ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މި މެޗުގައި ބައްދަލުކުރާ ލުބުނާން އަދި ބަނގްލަދޭޝް ޓީމަށް ބަލާއިރު،

ބަނގްލަދޭޝް

މިވަގުތު ފީފާ ރޭންކިންގެ 192 ވަނާގައި އޮތް ބަނގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބަނގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަށް ނެތެވެ.
1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު 13 މުބާރާތުގެ ތެރެއިން 12 މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ.

ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަނގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ އަމިއްލަ ގައުމުގައެވެ. 2003 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މިއީ މި މުބާރާތުގައި ބަނގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައި ވެސް ގަނގްލަދޭޝް އެއްކޮޅުން ފައިނަލް ކުޅުނެވެ. އެފަހަރު އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ބަނގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ފަސް މުބާރާތުގައި ބަނގްލަދޭޝްއަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ.

ބަނގްލަދޭޝް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، އެގައުމަކީ ނިސްބަތުން މާ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއް ނޫނެވެ. އެޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ޖަމާލް ހެރިސް ބުޔަންއެވެ. އުމުރުން 33 އަހަރުގެ ބުޔަން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 15 އަހަރުގައި ޑެންމާކުގެ ސުޕަލީގުގެ ޓީމެއް ކަމުގައިވާ ބްރޮންޑްބީ އައިއެފްއިންނެވެ. ޑެންމާކުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ބުޔަން ބަނގްލަދޭޝްއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. ބުޔަން މިހާރު ކުޅެމުން އަންނަނީ ބަނގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ޝައިޚް ރުސެލް ކޭސީއަށެވެ.

ލުބުނާން

ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލުބުނާން އަކީ ވެސް ފުޓްބޯޅައިގައި މާ ފުންނާބު އުސްގައުމެއް ނޫނެވެ. ނަމަވެސް ސަރަހައްދީ ފުޓުބޯޅައިގައި އެހާ ބަލިކަށި ގައުމެކޭވެސް ނުބުނެވޭނެއެވެ. އެކަން އެގައުމުގެ ފުޓްބޯޅަ ތާރީޚަށް ބަލާލުމުންވެސް އެނގެން އެބަހުއްޓެވެ. ލުބުނާނަކީ މީގެ ކުރިން އޭސިއަން ކަޕުގައި ތިން ފަހަރެއްގެ މަތިން ކުޅެފައިވާ ޓީމެކެވެ. މީގެ އިތުރުން އަރަބް ކަޕް ކަހަލަ ބައެއް މުބާރާތްތަކުގައިވެސް ނެރެފައިހުރި ނަތީޖާތައް ގޯހެއްނޫނެވެ. މީގެއިތުރުން ލުބުނާނު ވަނީ އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ވެސް ކޮލިފައިވެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލުބުނާން ވާދަކުރާއިރު، އެޓީމަށް މި މުބާރާތުން ފުރުސަތު ލިބުނީ ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ދައުވަތަކުންނެވެ.

ލުބުނާންގެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ހަސަން މާތޫކެވެ. އުމުރުން 35 އަހަރުގެ ހަސަން މާތޫކަކީ ލުބުނާނު ޓީމުގެ ކެޕްޓަން ވެސް މެއެވެ. އޭނާ އަކީ ކުލަބު ލެވެލްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ދެ ޓީމުގެ ތާރީޚީ ކުރިމަތިލުންތައް

މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މި ދެޓީމުން ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް 2011 ވަނަ އަހަރު ކުޅެވުނު ވޯލްޑް ކަޕް ކޮލިފައިން ދެ މެޗެއްގައި މި ދެޓީމުން ވަނީ ބައްދަލުކޮށްފައެވެ. އެއީ ހޯމް އެންޑް އަވޭ މެޗުތަކުގައެވެ. ލުބުނާނުގެ ދަނޑުގައި މި ދެޓީމުން ބައްދަލުކުރި މެޗު ލުބުނާނުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއަކުންނެވެ. އަދި ބަނގުލަދޭޝްގައި ކުޅުނު ދެވަނަ ލެގުގެ މެޗު ލުބުނާނުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.