English Edition
Dhivehi Edition

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.

މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު އިންޑިއާއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ދިޔައީ ޕާކިސްތާންގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ހޯދިއެވެ. މެޗުގެ 10 ވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނެގިއިރު، މިއީ ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކެޕްޓަން ސުނިލް ޗެތުރީ ކާމިޔަބު ކޮށްދިން ލަނޑެކެވެ.

މި ލަނޑު ޖެހިތާ ފަސްވަރަކަށް މިނެޓު ފަހުން އިންޑިއާއިން އެމީހުންގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އިންޑިއާއިން ޖެހީ އޭރިއާ ތެރެއިން ޕާކިސްތާން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެއްގައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދިނީ ސުނިލް ޗެތުރީއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހުވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވަނީ ހިނގާފައެވެ. އިންޑިއާ ބެންޗު ކައިރިން ޕާކިސްތާނުގެ ކުޅުންތެރިޔާ ބޭރުވި ބޯޅައެއް އެއްލަނިކޮށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބޯޅައިގައި ޖަހާ ބޯޅަ ވައްޓާލުމުން މަސަލަހަތު ގޯސްވެ ކުޅުންތެރިން ކޯޗާއި ދިމާއަށް ދުވެފަ އައިސް އަރައިގަންނަށް މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ގޮސް އެކަންތައް ހަމައަކަށް އެޅުވިއެވެ. މެ ޗުގެ ކުޅުން އަލުން ކުރިއަށް ގެންދިޔައީ އިންޑިއާގެ ކޯޗަށް ރަތްކާޑު ދައްކާ ކަނޑުން ފޮނުވާލުމަށް ފަހުގައެވެ.

ފުރަތަމަ ހާފު އިންޑިއާއިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ.

ދެވަނަ ހާފު ފެށިގެންވެސް ރަނގަޅަށް ކުޅުނީ އިންޑިއާއިންނެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންޑިއާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއެވެ. މި ފަހަރުވެސް ޕެނަލްޓީ ގޯޅުގެތެރެއަށް ފޮނުވާލައިގެން ލަނޑު ޖެހީ ޗެތްރީއެވެ. މިއީ އޭރިއާ ތެރެއިން އިންޑިއާ ކެޕްޓަން ޗެތުރީއަށް ޕާކިސްތާންގެ މުހައްމަދު ސުފިޔާން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ލަނޑާއި އެކު ޗެތުރީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގައި އިންޑިއާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އުދަންތާ ސިންހެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގުރޫޕް ބީ ގެ ދެމެޗެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ލުބުނާނާއި ބަންގުލަދޭޝްއެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ބޫޓާންއެވެ.