English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޖަލްސާގެ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހާޒިރު ނުވެ، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާ 5 މެމްބަރުންގެ ތެރެއިން ޖަލްސާތަކުގައި ބައިވެރިވުމަށް ނަޝާތު އާއި އާސިފް ދެކޮޅު ހައްދަވާފައިވާއިރު އަލީ ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ‘ދަ ޑިމޮކްރެޓްސް’ އުފެއްދުމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ އީސީން ބޭއްވި ބައްދަލުވުމުގައި އެކަމާ ދެކޮޅު ހައްދަވާފައިވަނި އާސިފް އަދި ނަޝާތު ކަމަށް ކޮމިޝަންގެ ރައީސް ވަނި ވިދާޅުވެފައެވެ. އަދި މިއަދު އެ ޕާޓީ އުފެއްދުމާ ގުޅޭ ގޮތުން ބޭއްވަން އެޖެންޑާ ކުރި ބައްދަލުވުމުގައި ބައިވެރިވުމަށް މި ދެ މެމްބަރުން ދެކޮޅު ހައްދަވާފައިވާއިރު ނަޝާތު ވަނީ ފުވާދު ތައުފީގު ރިޔާސަތުގައި ހުންނަވާ ޖަލްސާއެއްގައި ބައިވެރިނުވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ތެރޭ އުފެދުނު ހަމަނުޖެހުންތަކާއެކު އެ ޕާޓީ ދެ ބައިވެފައިވާއިރު މި ކަމުގެ އަސަރުވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ހުއްޓިފައިވާއިރު އިންތިހާބާ މިހާ ކައިރިވެފައި ވަނިކޮށް އީސީ ހުއްޓުން މިއީ ކަން ބޮޑުވާ ކަމެއްކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.